ކޮސޯވޯއިން ދިވެހިންނަށް ޝުކުރު އަދާކުރީ ދިވެހި ބަހުން

ކޮސޯވޯގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޑރ. ވިޔޯސާ އޮސްމާނީ-ސަދްރިއު އާއި ބޮޑުވަޒީރު އަލްބީން ކުރްތީ އާއި އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުވުމުން ދިވެހި ބަހުން އެ ގައުމުގެ ރައީސް އޮފީހުން ޝުކުރު އަދާކޮށްފި އެވެ.
ކޮސޯވޯގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ސަތާރަވަނަ ދުވަހުއެވެ. ސާބިއާގެ އަތް ދަށުން ކޮސޯވާއަށް މިނިވަންކަން ލިބުނީ 2008 ވަނަ އަހަރު އެވެ.
ކޮސޯވޯގެ މިނިވަންކަމާ މެދު އަދިވެސް ބައެއް ގައުމުތަކުން ސުވާލު އުފައްދާ އިރު ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ އިންޑިއާއާއި ޗައިނާ ފަދަ ބޮޑެތި ގައުމުތައް ވެސް ހިމެނެ އެވެ. ކޮސޯވޯއަށް އަދިވެސް އދ. ގެ މެންބަރު ކަން ވެސް ނުލިބެ އެވެ.
ނަމަވެސް ރާއްޖޭން ކޮސޯވޯ ބަލައިގަންނަން އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނިންމެވި އެވެ.
އަދިވެސް ރާއްޖޭން ކޮސޯވޯ ބަލައިގަންނަ ކަން ހާމަކޮށް ރައީސް މުއިއްޒު ކޮސޯވޯގެ ރައީސާއަށާއި ބޮޑުވަޒީރަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދެ ބޭފުޅުންނަށް ދުޅަހެޔޮ ސިއްހަތަކާއި އުފާވެރިކަމަށް އެދިވަޑައިގެން، ކޮސޯވޯގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެ އެވެ.
ރައީސް މުއިއްޒު ފޮނުއްވި ސިޓީގެ އަސްލު، ކޮސޯވޯގެ ރައީސް އޮފީހުން އާންމު ވެސް ކުރި އެވެ. "އެކްސް"ގައި ކުރި ޕޯސްޓެއް މެދުވެރިކޮށް ސިޓީ އާންމުކޮށް އެ އޮފީހުން ޕޯސްޓުގައި ލިޔެފައި ވަނީ ދިވެހި ބަހުން "ޝުކުރިއްޔާ" އެވެ.