ލައިފްސްޓައިލް

އެއީ މިހާރު ރައްޓެހިންނެއް ނޫނެވެ. ބީރައްޓެހިންނެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރައްޓެހިންނަކީ ކޮންމެ މީހެއްގެ ވެސް ޙަޔާތުގެ މުހިންމު ރޯލެއް އަދާކުރަމުން އަންނާނެ ބައެކެވެ. ހަގީގީ ދިރިއުޅުމުގެ އިތުރުން ސޯޝަލް މީޑިއާގެ އެކި އެކި މަންސަ ތަކުން ވެސް ގިނަރައްޓެހިން އުފެދެއެވެ. ބައެއް ރައްޓެހިންނާ ދިމާ ނުވި ކަމުގައިވީ ނަމަވެސް އެ ރައްޓެހިންނަށް ވަނީ ޙަޔާތުގެ ކޮންމެވެސް ހިސާބަކުން މުހިންމު ބަޔަކަށް ވެފައެވެ.

Ads by STELCO

ނަމަވެސް ރަޙުމަތްތެރިކަން ހަސަދަވެރިކަމަށް ނުވަތަ ހަތުރުންނަށް ވެދާކަށް ފަޅި ސިކުންތެއް ވެސް ނުނަގައެވެ. ކިތަންމެ ބައިވަރު ރައްޓެހިން ތިބާގެ ޙަޔާތުގައި ވީނަމަވެސް އެތަނުގައި، އަޑިނުބައި ކިތައް ރައްޓެހިން އުޅޭނެކަން ތިބާއަށް ވިސްނޭ ހެއްޔެވެ؟ ޙަގީގަތުގައި ތިބާއަށް ހެޔޮ އެދިގެން ތިބާއާއި އެކު އުޅޭ ރައްޓެހިން އިނގިލިން ގުނާލެވޭހާ މަދެވެ.

ހިތާމައަކީ އެހާ ގާތްކޮށްގެން ގެންގުޅުނު އެކުވެރިޔާ މިއަދު އެއީ ތިބާ ފެނުނަސް ދަންނަ މީހަކަށް ވެސް ނުހަދާތީއެވެ. އަޅައިގަނެ ވެއްޓުނަސް އިސްއުފުލާ ބަލާލުމަށް ވެސް ބޭނުންނުވާރައްޓެހިންއުޅޭތީއެވެ. އެހާ ގާތްކޮށް ގެންގުޅެވުނީމަ ފަހުން ލިބޭ ވޭނާއި ކެކުޅުން މާ ބޮޑެވެ. އޭނާއާއި މެދު ވަފާތެރިކޮށް ހެޔޮ އެދިގެން ކަންތައް ކުރެވުނީމަ އޭގެބަދަލު ތިބާއަށް ލިބެނީ ވަރަށް ވެސް ހިތިކޮށެވެ.

މިފަދަ ރައްޓެހިން ލޯކުރިމަތީގައި އެހެންމީހުނާއެކު ސަކަރާތް ޖަހާ ހީ ހެދިޔަސް ތިބާ އެކަމާ ދެރަވާނެއެވެ. އެއީ ދުވަހެއްގައި އޭނަ ތިބާއާއި އެކު ވެސް ހަމަ އެފަދައިން ހީ ސަކަރާތް ޖެހި މަންޒަރު ތިބާގެ ލޯމައްޗަށް ސިފަ ވާތީއެވެ. އެ ހިނދުކޮޅު ތިބާ އަލުން ތަސައްވަރު ކޮށްލަން ބޭނުންވެފައި ހުރި މިންވަރު ބޮޑުކަމުންނެވެ. އެހެން ނަމަވެސް އެއީ ދެން އަނބުރާ އަންނާނެ ވަގުތެއް ނޫނެވެ.

އެދުވަހު ތިބާ އޭނައާއިއެކު ކިތަންމެ މަޖާ ކުރިކަމުގައި ވީނަމަވެސް މިއަދު ތިބާ އަށް ކުރެވޭނެ ހަމައެކަނި ކަމަކީ އެ ހަނދާންތައް އާ ކުރުމަށް ފަހު އެކަމާ މާޔޫސްވުމެވެ. ނަމަވެސް މީގައި ވާނެ ފައިދާއެއް ނެތެވެ. ކިތަންމެ ގޮތަކަށް ތިބާއާއި މެދު ކޮންމެ މީހަކު ކަންތައް ކުރި ނަމަވެސް އެމީހުނަށް ތިބާގެ ހިތް އަބަދުވެސް ހެޔޮ ކުރާށެވެ.

ފެންނަ މަންޒަރުތަކުން ބައެއް ފަހަރު ހިތް ފަޅައިގެން ދާހެން ހީވި ނަމަވެސް އެކަމާއި ދެރަވުމުގެ ބަދަލުގައި ތިބާގެ މޫނު މަތިން ހިނިތުންވުން ގެނުވަން މަސައްކަތް ކުރާށެވެ. އެއީ މާޒީ ކަން ވިސްނައި އެކަމުން ބަރީޢަ ވާން ގަދަ އަޅައި މަސައްކަތް ކުރާށެވެ. ތިބާގެ ހިތް އަބަދުވެސް އެންމެނާއި މެދުވެސް ސާފުކަން ތިބާ އަންގާށެވެ.

ހަގީގަތުގައި ވެސް ދިރިއުޅުމުގައި މިފަދަ ރައްޓެހިން ގެއްލުމަކީ ވޭން ހުރި ކަމެކެވެ. ޚުދު އަޅުގަނޑު އެކަމުގެ ވޭން ތަހައްމަލު ކުރީމެވެ. އެހާ ގާތްކޮށް ގެންގުޅުނު އެކުވެރިޔާ ލޯ ކުރިމަތީގައި ބީރައްޓެހިވުމަކީ ހިތަށް ކުޅަދާނަ ވާ ވަރަށް ވުރެން މާ ހިތި އަސަރުތަކެކެވެ. އާދޭހެވެ. އެއީ މިހާރު ރައްޓެހިންނެއް ނޫނެވެ. ބީރައްޓެހިންނެވެ. 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!