ޚަބަރު

ސަގާފަތް އިސްލާހު ކުރެވުނީމަ ރަނގަޅު ކަންކަމަށް ތަރުހީބު ލިބޭނެ: ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް ވިދާޅުވީ އިސްލާމްދީން މެދުވެރިކޮށް، ދިވެހީންގެ ސަގާފަތް އިސްލާހު ކުރެވި، ނުރަނގަޅު ދޮރުތައް ބަންދު ކުރެވުމުން ރަނގަޅު ކަންކަމަށް ތަރުހީބު ލިބޭނެ ކަމަށް / ފޮޓޯ:ރައީސް އޮފީސް

އިސްލާމްދީން މެދުވެރިކޮށް، ދިވެހީންގެ ސަގާފަތް އިސްލާހު ކުރެވި، ނުރަނގަޅު ދޮރުތައް ބަންދު ކުރެވުމުން ރަނގަޅު ކަންކަމަށް ތަރުހީބު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ގައުމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތޯބުގަ އެވެ.

ރައީސް ވިދާޅުވީ ދިވެހީންގެ ތެރޭގައި މިއަދު ދިވެހި ގައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެކަމަށް މި ޒަމާނުގައި ބޭނުން ވަނީ އިލްމީ ހަމަތަކެއް ކަމުގައި ފާހަގަކުރެއްވި އެވެ. އިލްމީ ހަމަތަކުގެ މަތިން ދިވެހި ގައުމިއްޔަތު އުނގަންނައިދެވި، ދިވެހީންގެ ތަޖުރިބާތަކާއި ހުނަރުތައް ފަހަށް ރައްކާކުރެވެމުންދާނެ ކަމުގައި ވިދާޅުވި އެވެ.

"ދިވެހީންގެ ތަރިކަތައް، ޒަމާނީ ޓެކްނޯލޮޖީ އާއި އިގުތިސޯދީ ވިސްނުން ޝާމިލުކޮށްގެން ދެމެހެއްޓެމުން ބެލެހެއްޓެމުންދާނެ. މީގެ އިތުރަށް، މާތްވެގެންވާ އިސްލާމްދީން މެދުވެރިކޮށް، ދިވެހީންގެ ސަގާފަތް އަބަދުވެސް އިސްލާހުކުރެވެމުން، ނުރަނގަޅު ދޮރުތައް ބަންދުކުރެވެމުން ރަނގަޅު ކަންކަމަށް ތަރުހީބުދެމުން ކުރިޔަށް ދާނެ،"

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމެއްގެ ގޮތުގައި ބަޔަކު ދިރިއުޅޭއިރު، އެ ބަޔަކު ހެޔޮނުބައި ކަނޑައަޅަން ބޭނުންކުރާ މިންގަނޑެއް އޮންނަ ކަމުގަ އެވެ. އެ މުޖުތަމައެއްގެ ސަގާފަތާއި އާދަކާދަތައް ބައްޓަންވެގެންދާނީ އެ ބަޔަކު ގަބޫލުކުރާ ހަމަތަކެއްގެ މަތިން ކަމުގަ އެވެ. ހެޔޮނުބައި ކަނޑައެޅުމަށް ދިވެހީން ބޭނުންކުރާ މިންގަނޑަކީ އިސްލާމްދީންކަން ފާހަގަކުރައްވައި، ވިދާޅުވީ ދިވެހީން އިސްލާމްދީން ބަލައިގަތުމަކީ ދިވެހި ގައުމިއްޔަތަށް އައި އެންމެ ހެޔޮ އިންގިލާބު ކަމުގަ އެވެ.

ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހާ މި ފަހަރު ބައްދަލުކުރީ ރޯދަ މަހުގެ ތެރޭގައިކަމީ، މި ހެޔޮ އިއްތިފާގާ މެދު ވިސްނާލުމުގެ ބޭނުން ވަރަށް މުހިންމު ކަމެއް ކަމުގަ އެވެ. ދިވެހި ގައުމިއްޔަތުގައި އިސްލާމްދީނުގެ ދައުރަކީ ދިވެހީން ދިރިއުޅޭ ގޮތްތަކާއި އާދަކާދަތައް އިސްލާމްދީނުގެ އިންތަކަށް ފެތޭހެން އިސްލާހުކުރުން ކަމުގަ އެވެ.

"އަގީދާގެ ގޮތުން އެއްކައުވަންތަ މާތް ﷲ އަށް ވަކީލުކުރަން ފެށުމާއި އިންސާނިއްޔަތުކަމުގެ ގޮތުން އެކިއެކި ނަންނަމުގައި އިންސާނުން ގުރުބާންކުރުން ނިމުމަކަށް ގެނަސް، އިންސާނީ ކަރާމާތް ދިފާއުކޮށް މަތިވެރިކޮށް، މިސްކިތްތައް ބިނާކޮށް، ފަސްވަގުތު ނަމާދަށް ދިޔުމާއި ވެރީންނަށް އިހްތިރާމުކުރުމާއި އަމާނާތްތެރިކަން އާންމުވުން އޭގެ ތެރޭގައި ހިމެނޭ،"

ރައީސް ވިދާޅުވީ ދިވެހި ގައުމިއްޔަތަކީ އެތައް ހާސް އަހަރެއްވީ ދިވެހީންގެ އެކުވިވިސްނުމުގައި ބިންވަޅު ނެގިފައިވާ ހަގީގަތްތަކެއް ކަމަށެވެ. ދިވެހި ފަސްގަނޑު ހުހަށް އޮތް ޒަމާނެއް ތާހުން ފެންނާން ނެތުމާއި ދިވެހި ކަނޑު ހުރަސްކުރި ކޮންމެ ބަޔަކު ދެކެފައި ވަނީ ދިވެހީން މި ރަށްތަކުގައި ދިރިއުޅެނިކޮށް ކަމަށެވެ. ރާއްޖެއަކީ މި ރާއްޖޭގައި ބަޔަކު ވަޒަންވެރިވި ތާރީހެއް ދުވަސްވަރެއް އެނގެން ނެތް ގައުމަކަށް ވާއިރު، މި ކަމުން އަންގައިދެނީ ދިވެހީންގެ ދޮށިކަމާއި ދިވެހީންގެ އަސްލުވެހިކަމާއި ދިވެހި ދައުލަތުގެ އެވޭލާކަމާ އެކު ހައިބަތާއި ހަރުދަނާކަން ކަމުގައި ފާހަގަކުރެއްވި އެވެ.

ގައުމިއްޔަތަކީ ބަޔަކު ތަނެއްގައި ދިރިއުޅެން ފެށުމުން އެ ބައެއްގެ ދަރިކޮޅު އިތުރުވެ ފެތުރިގެންދާ ދިޔުމުގައި، އެ ބަޔަކު އެ ތަނެއްގައި ކުރާ ތަޖުރިބާތައް ކަމަށާ އަދި އެ ތަޖުރިބާތަކުގެ ތެރެއިން އެ ބަޔަކު އެ ތަނެއްގައި މާދަމާއަށް ދެމި ތިބޭން ކުރާ ފިކުރެއް ކަމުގައި ވިދާޅުވި އެވެ.

ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބު ނިންމަވާލެއްވީ، އިސްލާމްދީނުގެ ރީތި އުސޫލުތަކަށް އަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ގަދަރުކުރާ މީހަކަށްވުމުގެ އަޒުމު ކަނޑައެޅުމަށް ގޮވާލައްވަމުންނެވެ.

Ads by Allied Insurance