ސިއްޙަތު

ވައިގެ ޒަރީއާއިން ކޮވިޑް ފެތުރޭ ކަމަށް ބުނެވުނީ އޮޅުމަކުން: ސީޑީސީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ވައިގެ ޒަރީއާއިން ކޮވިޑް-19 ފެތުރޭ ކަމަށް ބުނެ، އެކަމާ ގުޅުން ހުރި ގައިޑަންސް ޝާއިއު ކުރެވިފައި ވަނީ އޮޅިގެން ކަމަށް އެމެރިކާގެ ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް އިން ބުނެފިއެވެ.

Ads by Hajj Corporation

މިކަމާ ގުޅިގެން އެ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވައިގެ ޒަރީއާއިން ކޮވިޑް ފެތުރޭ ކަމަށް ބުނެ، ތައްޔާރުކުރި ރިޕޯޓުގެ ޑްރާފްޓު އެ ސެންޓަރުގެ ވެބްސައިޓުގައި އާންމުކުރެވިފައި ވަނީ އޮޅުމަކުން ކަމަށެވެ.

އަދި އެ ސެންޓަރުން އަންނަނީ ވައިގެ ޒަރީއާއިން ކޮވިޑް ފެތުރޭތޯ ބެލުމަށް ހަދަން ޖެހޭ އިތުރު ދިރާސާތައް ފުރިހަމަ ކުރަމުން ކަމަށާއި ނިމުނު އެންމެ އަވަހަކަށް ރިޕޯޓު އާންމު ކުރާނެ ކަމުގައި ވެސް ވަނީ ބުނެފައެވެ.

ސީޑީސީއިން މިހެން ބުނެފައިވާއިރު، ވައިގެ ޒަރީއާއިން ކޮވިޑް ފެތުރުމާމެދު ސައިންސްވެރިންގެ މެދުގައި އަންނަނީ ބޮޑެތި ބަހުސްތައް ކުރެވެމުންނެވެ.

ވައިގެ ޒަރީއާއިން ފެތުރޭ ކަމުގެ އެއްވެސް ހެއްކެއް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ވެސް ވަނީ ދާދި ފަހުން ބުނެފައެވެ.

މީގެ ކުރިން ދުނިޔޭގެ 32 ގައުމަކުން 239 ސައިންސްވެރިން ވަނީ ކޮވިޑް19 އަކީ އެއާބޯން ނުވަތަ ވައިގެ ޒަރީއާއިން ފެތުރޭ ބައްޔެއް ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އަށް އެކަން ބަލައިދިނުމަށް ވެސް އެދިފައެވެ.

ސައިންޓިފިކް ދުނިޔޭގައި ނަން ހިނގާ ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއު ކޮށްފައިވާ ދިރާސާ އެއްގައި ބުނެފައިވާގޮތުން ވައިގެ ތެރޭގައި ޑްރޮޕްލެޓްގެ ގޮތުގައި ކޮރޯނާވައިރަސް ގާތްގަނޑަކަށް ބައިގަޑިއެއްހާ އިރު މަރު ނުވެ ހުރެއެވެ.

ވައިގެ ޒަރީއާއިން ވައިރަސް ފެތުރޭ ނަަމަ، އާންމު ތަންތަނަށް ނިކުމެ އުޅުމުގައި މާސްކު އެޅުން ކޮންމެހެން މަޖުބޫރުވާނެއެވެ. އަދި އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓި ކަމުގައި ވިޔަސް މާސްކު އަޅަން ޖެހޭނެ ކަމަށް މާހިރުން ބުނެއެވެ. މީގެ އިތުރުންވެސް ސުކޫލު ފަދަ އާންމުން އެއްވެ އުޅޭ ފަދަ ތަންތަނުގެ ވައި ބޭރުވާ ނިޒާމު ރަނގަޅު ފެންވަރަކަށް ހަދަން ޖެހޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!