ދުނިޔެ

ޖަނަވާރުގެ ވަގުފާރިއާއެކު، އަނެއްކާވެސް ކޮވިޑް19 ފަދަ އިތުރު ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދުނިޔޭގެ އެކި ހިސާބުތަކުގައި ޖަނަވާރުގެ ވަގު ވިޔަފާރި ކުރަމުން އަންނަ ކަމަށާއި މިފަދަ ވިޔަފާރިތަކުގެ ސަބަބުން ދުނިޔެއަށް އަނެއްކާ ވެސް ކޮވިޑް-19 ފަދަ ބަލިމަޑުކަމެއް އައިސްދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

މެންޗެސްޓަރ ޔުނިވަރސިޓީގެ އެކޮލޮޖީ ޑިޕާޓްމެންޓްއިން ކުރިޔަށް ގެންދިޔަ މިދިރާސާގައި ބުނެފައިވަނީ، އަހަރެއްގެ މައްޗަށް އެތައް މިލިޔަން ޖަނަވާރެއް އެއްޤައުމުން އަނެއް ޤައުމަށް އެތެރެ ކުރާ ކަމަށާއި މިއީ ބިރުވެރި ކަމެއް ކަމަށެވެ.

"އިންޑޮނޭޝީއާގައި ދިރިއުޅޭ ޖަނަވާރެއް އެބަ ގެންދޭ އެމެރިކާއަށް، އެމެރިކާއިން އިނގެރޭސި ވިލާތަށް. މިޖަނަވާރުތަކަކީ އޭގެ ޒާތުގައި ބަލި ފަތުރާ ޖަނަވާރު ތަކެއް ނޫން. ނަމަވެސް ޤުދުރަތީ ގޮތުން މިޖަނަވާރުތަކާއި ބައްދަލުވާން ޖެހޭ ޖަނަވާރު ނޫން އެހެން ޖަނަވާރުތަކާއި ބައްދަލުވުމުން ބަލިތައް ފެތުރުމަށް މަގުފަހިވޭ" ޖާނަލް އޮފް އެނިމަލްސްގައި ޝާއިއު ކޮށްފައިވާ މިދިރާސާގައި ބުނެފައިވެއެވެ.

މިދިރާސާގައި އިތުރަށް ބުނެފައިވަނީ، ޖަނަވާރުތައް މިފަދައިން ބަންދުކޮށް ގެންގުޅުމަކީ ބަލި ބައްޔަށް ހުޅުވާލެވޭ ދޮރެކެވެ. އަދި އެކަމުގެ ސަބަބުން ޖަނަވާރުން ކޮށީގައި ބަންދުކޮށް ގިނަ ދުވަހު ގެންގުޅުމުން އެ އެއްޗެހީގެ ދިފާއީ ނިޒާމުގެ ބާރު ދެރަވެ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. ނަތީޖާއަކަށް ވެގެން ދަނީ މިފަދަ ޖަނަވާރުތައް އިންސާނުންނާ ގާތްކޮށް ކޮންޓެކްޓު ވުމުން ބަލިތައް އިންސާނުންގެ ގަޔަށް އެރުމުގެ ފުރުސަތު ބޮޑުވަމުން އައުމެވެ.

ދިރާސާވެރިން ބުނާ ގޮތުގައި މިފަދަ ބަލިތައް ޖެހެން މެދުވެރި ވަނީ ވަލު ޖަނަވާރުންގެ ގައިގައި ހުންނަ ވައިރަސް، ބެކްޓީރިއާ، ފަންގަސް އަދި ޕެރެސައިޓްތައް މުޅީން އައު މާހައުލަކަށް ބަދަލުވުމުންނެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ޖަނަވާރުންގެ ސަބަބުން ޖެހޭ އައު ބަލިތަކާއި ބަލިމަޑުކަންތައް އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެގޮތުން މި ފުރުސަތު މިދިޔަ ގަރުނާ ބަލާއިރު ހަތަރު ގުނަ އިތުރު ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވިދާޅުވެފައިވާ ގޮތުގައި ޒޫތަކުން ޖެހޭ ބަލިތަކުގެ ސަބަބުން ދުނިޔޭގައި ކޮންމެ އަހަރު އެތައް މިލިއަން މީހުނެއް މަރުވެއެވެ. އަދި މި ބަލީގެ އަސަރު ބިލިއަނެއް ހާ މީހުނަށް ކުރެއެވެ. އެގޮތުން މި ބަލިތަކުގެ 75 އިންސައްތަ އަކީ ވަލު ޖަނަވާރުންގެ ފަރާތުން އިންސާނުންގެ ގަޔަށް އަރާ ބަލިތައް ކަން އެ އިދާރާއިން ފާހަގަކުރެއެވެ.

މިވަގުތު ދުނިޔެ ތަހައްމަލް ކުރަމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަން ވެސް ބެލެވިފައިވަނީ ޗައިނާގެ ވުހާންގައި ޖަނަވާރު ވިއްކާ މާކެޓުތަކުގެ ސަބަބުން ފެތުރެމުންދާ ބައްޔެއް ކަމަށެވެ.

 

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!