ޚަބަރު

އައްޑޫ ހިތަދޫ، މަރަދޫ، މަރަދޫފޭދޫގައި އީދަށް ބޮކި ނުދިއްލާ!

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އީދަށް ރަށެއް ދިއްލާފައި--

މިއަދު ފާހަގަކުރާ ފިތުރު އީދު ދުވަހާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި އީދު ބޮކި ދިއްލި ނަމަވެސް އައްޑޫ ސިޓީގެ ތިން ރަށެއްގައި ނުދިއްލާކަން އެނގިއްޖެ އެވެ.

Ads by MPL

ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ކުރިން ބުނި ގޮތުގައި އީދު ބޮކިތައް ދިއްލަނީ ހުރިހާ ސިޓީތަކާއި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށާއި ވެރިކަން ކުރާ ރަށް ނުހިމަނައި އަތޮޅުގެ އެންމެ އާބާދީ ބޮޑު ދެ ރަށުގަ އެވެ.

ނަމަވެސް އައްޑޫ ސިޓީގެ ގުޅިފައިވާ ހަތަރު ރަށުގެ ތެރެއިން ތިން ރަށެއްގައި އީދު ބޮކި ނުދިއްލަ އެވެ. އޭގެ ތެރޭގައި އެ ސިޓީގެ ވެރިރަށް ހިތަދޫ ވެސް ހިމެނެ އެވެ.

އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު "ދެން"އަށް ވިދާޅުވީ އެ ތިން ރަށުގައި ލައިޓްތައް ނުދިއްލި ސަބަބު ނޭނގޭ ކަމަށެވެ. ދިއްލުމުގެ ކަންކަން ކުރީ ކައުންސިލްއިން ނޫން ކަމަށާއި އަދި ފެނަކައިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫގެ ތިން ރަށެއްގައި އީދަށް ނުދިއްލިއިރު އައްޑޫގައި އިންޖީނުގެތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަަ ހައްލުނުވެ ކަރަންޓު ކަނޑާ ވަގުތު ވަނީ އިތުރުކޮށްފަ އެވެ. އެހެންވެ ކަރަންޓުގެ މައްސަލަ ހައްލުނުކޮށް އީދު ލައިޓްތައް ނުދިއްލުމަށް ވެސް އައްޑޫގެ ބައެއް ރައްޔިތުން އޮތީ ގޮވާލައިފަ އެވެ.

އައްޑޫގެ ޑެޕިއުޓީ މޭޔަރު ޝުއާއު ވަނީ ފޭސްބުކުގައި ވެސް ލައިޓްތައް ދިއްލުމުގެ މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ބަރަކާތްތެރި ރަމަޟާން މަސް ނިމިގެންދާއިރު، ސަރުކާރުން ފިތުރު އީދަށް ރަށް ދިއްލުމަށް އެންގުމަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ކުރާ ޖެއްސުމެއްބާވައޭ ހިތަށް އަރާ. އަސާސީ ޚިދުމަތަކަށްވާ ކަރަންޓުގެ މައްސަލަ ހައްލުނުވެ އޮއްވާ ފިތުރު ޢީދަށް ރަށް ދިއްލުމަށް ސަރުކާރުން އެންގުމަކީ ރައްޔިތުންނަށް ކުރާ ޖެއްސުމެއްތޯ؟" ޝުއާއު ވިދާޅުވި އެވެ.

ޝުއާއު ވިދާޅުވީ އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށް ގެތައް ދިއްލުމަށްފަހު ނޫނީ އީދު ލައިޓްސް ހަރުކުރުމަކީ ރައްޔިތުން ބޭނުންވާނެ ކަމެއް ނޫން ކަމަށެވެ.

އެ ތިން ރަށުގެ އިތުރުން، ގުޅިފައިވާ ރަށްތަކުގެ ތެރޭގައި ދެން އޮންނަނީ ފޭދޫ އެވެ. ވަކިން އޮންނަ ހުޅުމީދޫގައި ވެސް އީދަށް ބޮކި ދިއްލި ކަމަށް ވެ އެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކަރަންޓުގެ ހިދުމަތް ކެނޑެމުންދާތާ މިހާރު އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ. އަދި މި ރަމަޟާން މަހު ކަރަންޓު ނުކެނޑޭނެކަމުގެ ފޮނި އުންމީދުތަކެއް އައްޑޫގެ ރައްޔިތުންނަށް ސަރުކާރުން ދީފައި އޮތް ނަމަވެސް މުޅިންހެން މި ފެނުނީ އެހެން މަންޒަރެކެވެ. އަދި ރަމަޟާން މަހުގެ ގިނަ ދުވަސްތަކެއްގައި ރައްޔިތުންނަށް އެ ދަތިކަމުން އަރައިގަނެވިފައެއް ނުވެއެވެ.
އަދި ރޯދަ މަސް ނިމެން އުޅެނިކޮށް އިތުރު ޖެނެރޭޓަރެއްގެ މައްސަލަ ޖެހި ކަރަންޓު ކަނޑާ ވަގުތު ވަނީ އިތުރުކޮށްފަ އެވެ.

Ads by HDC