ޚަބަރު

އެޗްޑީސީގެ މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިއުލާނުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެޗްޑީސީގެ އެޕްރެންޓިސްޝިޕްގެ ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 2025 ވަނަ އަހަރުގެ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިއުލާންކޮށްފި އެވެ.

Ads by MPL

އެ ފުރުސަތު ހުޅުވާލެވިފައިވަނީ 18 އަހަރުން ފެށިގެން 35 އަހަރާ ދެމެދުގެ ދިވެހިންނަށެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ޒުވާނުން ކުރިއެރުވުމަށް ހިންގާ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި، ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުން ކަމަށެވެ.

މި އަހަރުގެ ތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ 4 ދާއިރާއެކެވެ. އެއީ އެއްގަމު އުޅަނދުފަހަރުގެ މަރާމާތު، ކަނޑު އުޅަނދުފަހަރުގެ އިންޖީނު މަރާމާތު، އަދި ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިން މެކޭނިކްގެ ދާއިރާ އެވެ. އެ ޕްރޮގްރާމް ގައި ބައިވެރިވާ ފަރާތްތަކަށް ދާއިރާތަކުން ލެވެލް 3 ގެ ސަނަދެއް ހާސިލުކުރެވޭނެ އެވެ.

ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް މަހަކު 6,000 ރުފިޔާގެ އެލަވަންސެއް ލިބޭނެ އެވެ. މި އަހަރުގެ ޕްރޮގްރާމްގައި 25 ބައިވެރިންނަށް ފުރުސަތު ދެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ ހެޑް އޮޕް މާކެޓިންގް ޑިޕާޓްމަންޓް، ހަސަން ޝަހީދު ވިދާޅުވި ގޮތުގައި، "2016 އިން ފެށިގެން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތަކުން މިހާރުވެސް އެޗްޑީސީ އާއި އެހެނިހެން ކުންފުނިތަކުގައި އެކި މަގާމުތަކުގައި ހިދުމަތްކުރަމުން ގެންދެއެވެ. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް މި ޕްރޮގްރާމްގެ ތެރެއިން ގިނަ ޒުވާނުން ތަމްރީނުކުރެވި، މަސައްކަތުގެ މާހައުލަށް ނުކުތުމެވެ."

ތަފާތު ދާއިރާތަކުން ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާގެ މާހައުލަށް ގާބިލު ޒުވާނުން އުފެއްދުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.

Ads by Ooredoo