ޚަބަރު

ރާއްޖޭގެ އިޤްތިޞާދު އިއާދަކުރަން ޗައިނާއާ ގުޅުން ބަދަހިކުރުން މުހިންމު: އަބްދުالله ޝާހިދު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދިވެހިރާއްޖޭގެ އިޤްތިޞާދު އިއާދަކުރުމަށް ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހި ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޗައިނާއަށް 71 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުނު ވީޑިއޯ ރިސެޕްޝަންގައި މިނިސްޓަރު ޝާހިދު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އިގްތިޞާދު އިއާދަ ކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން ގިނަކުރުން ކަމުގައެވެ.

ކޮވިޑު-19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުން ކުރުމާއި ހަމައަށްވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.

ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުކުރަމަށް ވިދާޅުވަމުން ޝާހިދު ވިދާޅުވީ، ރާއްޖެއާއި ޗައިނާއާއި ދެމެދު މިހާރު މެދުކެނޑިފައި އޮތް ދަތުރުތަކާއި، ވިޔަފާރީގެ ގުޅުންތައް އަލުން ފަށަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މިހާރުވެސް ދެގައުމުގައި އޮތް މި ގުޅުން ހީނަރު ވިޔަ ނުދީ އިތުރަށް ވަރުގަދަ ކުރުމަށް ވެސް މިނިސްޓަރު ވަނީ ގޮވާލާފައެވެ.

މި ސަރުކާރުން 'ވަން ޗައިނާ ޕޮލިސީ' ހިފަހައްޓާނެކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ތާރީހީ ގޮތުން ވަރުގަދަ އަދި ހަމަހަމަކަމުގެ މައްޗަށް ބިނާވެގެންވާ ގުޅުމެއް ކަމަށެވެ. އަދި މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 48 އަހަރު ފުރޭ އަހަރުކަން ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑު-19ގެ މި ދަނޑިވަޅުގައި، ޗައިނާއިން މިހާތަނަށް ކޮށްދީފައިވާ ހުރިހާ އެހީތެރި ކަމަކަށް ވެސް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި ޗައިނާއިން ތައްޔާރުކުރަމުންދާ ވެކްސިންތަކުގެ ފައިދާ ރާއްޖެއަށް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!