ޚަބަރު

ވަގަށް ސައިކަލު އެތެރެކުރި މައްސަލައިގައި 4 މީހަކު ވަޒީފާއިން ވަކިކޮށްފި

މުޙައްމަދު ސަނީޙް
ވަގަށް އެތެރެ ކުރި ސައިކަލުތަކުގެ ފޮޓޯއެއް.

އޮޅުވާލައިގެން ރާއްޖެއަށް ވަގަށް އެތެރެ ކުރި ވެހިކަލްތަކުގެ މައްސަލައިގައި ކަސްޓަމްސްގެ ހަތަރު މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކަސްޓަމަސްގެ ކޮމިޝަނަރ ޖެނެރަލް އަބްދުﷲ ޝަރީފެވެ.

ޝަރީފް ވިދާޅުވީ، މިދިޔަ އަހަރު އޮޅުވާލައިގެން ރާއްޖެއަށް ވަގަށް އެތެރެ ކުރި ވެހިކަލްތަކުގެ މައްސަލަ ކަސްޓަމްސް އިން ބަލައި ތަހުގީގު ކުރުމަށް ފަހު އެ މުއްސަސާގެ މުވައްޒަފުންގެ ތެރެއިން މައްސަލާގައި ޝާމިލުވާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

އަދި މި މައްސަލާގައި ކަސްޓަމްސް އިން ފިޔަވަޅު އަޅަމުން މިދަނީ އެ މުއައްސަސާގެ މުވައްޒަފުންނަށް ކަން ފާހަގަކޮށް، މައްސަލާގައި ޝާމިލްވާ އެހެން މުއައްސަސާތަކުގެ މުވައްޒަފުންގެ މައްސަލަތައް ވެސް ބަލައި ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ވެސް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

މިދިޔަ އަހަރު އޮޅުވާލައިގެން ރާއްޖެއަށް ވަގަށް އެތެރެކުރި ވެހިކަލްތަކުގެ މައްސަލަ ކަސްޓަމްސް އިން މިހާރު ވެސް ތަހުގީގުކުރަމުން އަންނަ އިރު، މި މައްސަލައިގައި ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ލަކުޑި އެތެރެ ކުރުމުގެ ނަމުގައި ގެނައި ދެ ކޮންޓެއިނަރަކުން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި މި ވެހިކަލްތަކުގެ ސީއެންޑްއެފް އަގު 586،000 ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ކަސްޓަމްސް އިން އޭރު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!