ޚަބަރު

މާލޭ ހުކުރު މިސްކިތް އަންނަ ހަފްތާގައި ހުޅުވަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އަންނަ ހަފްތާގެ ތެރޭގައި މާލޭގެ ހުކުރު މިސްކިތް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ހެރިޓޭޖް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާޢިލް ނާއިލް ނަޝީދު ވިދާޅުވީ، ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި ނިންމައި މިސްކިތް އަލުން ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ.

އެގޮތުން މިހާރު މިސްކިތުން ކަތުރުފަނި ނައްތާލުމަށްޓަކާ ކުރަން ޖެހޭ ކަންކަން ނިމިފައިވާ ކަން ފާހަގަކޮށް ނާއިލް ވިދާޅުވީ މިސްކިތުގެ ކާޕެޓު ނަގައި، ކޮލެޓީ ރަނގަޅު ނެވިލޯނު އަޅާފައިވާ ކަމަށެވެ.

މީލާދީން 1656 ގައި ބިނާކުރެއްވި ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި ހިމާޔަތް ކުރުމަށް މިސްކިތް ބަންދު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގައެވެ. މި މަސައްކަތް ކުރިއަށް ދަނީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު އާކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާގެ ޚާއްސަ ޓީމަކުންނެވެ. މިއީ ދެ އަހަރު ދުވަހުގެ މަޝްރޫއެކެވެ.

ހުކުރު މިސްކިތް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އިސްލާމީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ ތަރިކައިގެ ދުވަހާ ގުޅުވައިގެން ބާއްވާ އެއް ހަފްތާގެ ހަރަކާތްތަކުގެ ތެރެއިންނެވެ.

މިއީ އިސްލާމީ ދުނިޔޭގެ ތަރިކައިގެ ދުވަހެއް ފާހަގަކުރާ ފުރަތަމަ އަހަރެވެ. "ހެރިޓޭޖް ޑޭ އިން ދަ އިސްލާމިކް ވޯލްޑް" ގެ ގޮތުގައި ސެޕްޓެމްބަރު މަހުގެ 25 ކަނޑައަޅާފައިވަނީ  17 ޑިސެމްބަރު 2019 ގައި ތޫނިސްގައި ބޭއްވި އިސްލާމިކް ކޮންފަރެންސް އޮފް ކަލްޗަރަލް މިނިސްޓަރސްގެ 11 ވަނަ ބައްދަލުވުމުގައެވެ. މި އަހަރުގެ  ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އާސާރީ ބިނާތަކާއި، ތަރިކައާއި ތާރީޚީ ތަންތަން އަދި ދާރުލް އާސާރުތަކަށް ލިބޭ ގެއްލުންތައް ހައްލުކުރުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!