މާތް ﷲ އަޅުގަނޑުމެންނާ މުދާ ހަވާލު ކޮށްފައިވަނީ އޭގެ ޙައްޤުވެރީންނަށް ރައްދު ކޮށްދެއްވުމަށްޓަކައި: ޚުތުބާ
މިއަދުގެ ޚުތުބާ ޚާއްސަ ކޮށްފައިވަނީ ޒަކާތުގެ މުހިންމުކަމާއި މަތިވެރި ކަމުގެ މައްޗަށެވެ.
އިންސާނުން މުދަލަށް ކުރާ ލޯތްބަކީ ފިޠުރީ ކަމެކެވެ. ޠަބީޢީ ސިފައެކެވެ. ނަމަވެސް މުދަލަށް ލޯބި ކުރުމުގައި މުހިންމު ދެ ކަމެއްގެ މަތިން ހަނދާން ކުރަން ޖެހެއެވެ.
ފުރަތަމަ ކަމަކީ، މުދަލަކީ الله سبحانه وتعالىގެ މިލްކެއް ކަމާއި، އެކަލާނގެ އަަޅުގަނޑުމެންނާއި އެމުދާ ހަވާލުކުރައްވާފައި ވަނީ އޭގެ ޙައްޤުވެރީންނަށް ރައްދު ކޮށްދެއްވުމަށްޓަކައި، އަމާނާތެއްގެ ގޮތުގައިކަން ޤަބޫލު ކުރުމެވެ.
ދެވަނަ ކަމަކީ މުދާ ހޯދަން ޖެހޭނީ الله سبحانه وتعالى ހުއްދަ ކުރެއްވި އިންތަކާއި މިންތަކުގެ ތެރޭގައި ކަމާއި، އެމުދާ ހޭދަ ކުރަން ޖެހޭނީ ވެސް އެކަލާނގެ ބަޔާން ކުރައްވާފައިވާ އުސޫލުތަކާއި، ހަމަތަކުގެ ތެރޭގައިކަން ދެނެގަތުމެވެ.
ޚުތުބާގައި ބުނެފައިވަނީ މިގޮތުން ހަތަރު ކަމަކާއި ބެހޭގޮތުން އަޅާއާއި ސުވާލު ކުރެވިއްޖައުމަށް ދާންދެން ޤިޔާމަތް ދުވަހު އޭނާގެ ފައިތިލަ ހުރިތަނުން ގުޑާވެސް ނުލެވޭނެކަން ރަސޫލާ (ޞޢޥ) ބަޔާން ކުރެއްވި ކަމަށެވެ.
އެގޮތުން އެކަލޭގެފާނުގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އަދި އޭނާގެ މުދަލާއި ބެހޭގޮތުންނެވެ. އެމުދާ ހޯދީ ކިހިނެއްތޯއާއި އަދި އެމުދާ، ހޭދަކުރީ ކޮންކަމެއްގައި (ކިހިނެއް) ތޯއެވެ."
ވީމާ މިސުވާލުތަކަށް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުމެ، ޤިޔާމަތުގެ މައިދާނުގައި، އެންމެހާ ޚަލްޤުތަކުންގެ ކުރިމަތީގައި، ޢާލަމްތަކުގެ ވެރިރަސްކަލާނގެއަށް ޖަވާބުދާރީވާން ޖެހޭނެކަން، އަޅުގަނޑުމެން އަބަދުވެސް ހަނދާނާއި ފިކުރުގައި ބަހައްޓަން ޖެހޭނެއެވެ.
މިއަދުގެ ޚުތުބާގައި އިސްލާމްދީނުގެ ފަސް ރުކުނާއި ބެހޭގޮތުން ވެސް ވާހަކަ ދައްކާފައިވެއެވެ.
"އޭގެ ކޮންމެ ރުކުނަކީ އެއާއިމެދު ޚާއްސަ ސަމާލުކަމެއްދީ، ފަރުވާތެރި ކަމާއެކު އަދާކުރަންޖެހޭ ރުކުނެކެވެ. ނަަމަވެސް މިރުކުންތަކުގެ ތެރެއިން ޒަކާތަކީ އެއަޅުކަން އަދާކުރުމުގައި ބައެއް މުސްލިމު، ފަރުވާކުޑަކުޑަ ކުރަމުންދާ، ނުވަތަ ފަސްޖެހޭ އަަަަޅުކަމެއްކަން ފާހަގަ ކުރެވެއެވެ." ޚުތުބާގައި ބުނެފައިވެއެވެ.