ޚަބަރު

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް 141 ބޭފުޅުން ކުރިމަތިލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 ބޭފުޅުން ކުރިމަތިލައިފި އެވެ.

Ads by STELCO

އެ އިނާމަށް ނަން ހުށަހެޅުއްވުމުގެ މުއްދަތު ހަމަވީ، މި އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހު އެވެ.

ގައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ބުނީ މުއްދަތު ހަމަވި އިރު 141 ބޭފުޅަކު ފޯމު ހުށަހެޅި ކަމަށެވެ.

"އިނާމަށް ހުށަހެޅުއްވި ބޭފުޅުން ހުށަހެޅުއްވި ވަޒީފާގެ ލިޔުންތައް ކޮމިޓީން މިހާރުވަނީ ބައްލަވައި، އޭގެތެރެއިން އިންޓަވިޔުއަށް ޝަރުތުހަމަވާ ބޭފުޅުން ކަނޑައަޅުއްވާފައެވެ. އެ ބޭފުޅުންނާ ކޮމިޓީން މިއަދު ވަނީ އިންޓަވިޔު ކުރައްވަން ފަށްޓަވާފައެވެ." ރައީސް އޮފީހުން ބުންޏެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމާއެކު، ގާބިލްކަމާއި، އިހުލާސްތެރިކަމާ އެކުގައި ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއަކަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ޖަލްސާ، މި އަހަރު އޮންނާނީ، މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.