މަރުވެފައި އޮތް ދަރިފުޅު އެމްބިއުލެންސްގައި ގެންގޮސްދޭން އެދުމުން ބުނީ ފުރަތަމަ ޕެޓްރޯލް އަޅައިދޭން

އިންޑިއޭ އުއްތަރަ ޕްރަދޭޝްގެ ހޮސްޕިޓަލަކުން އަނެއްކާ ވެސް ރައްޔިތަކަށް ޚިދުމަތް ދޭން އިންކާރުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މަރުވެފައި އޮތް އަންހެން ކުއްޖަކު އެމްބިއުލޭންސްގައި ގެއާއި ހަމައަށް ގެންގޮސްދޭން އޭނާގެ ބައްޕަ އެދުމުން އެހޮސްޕިޓަލުން ވަނީ އެކަމަށް އިންކާރުކޮށް ބަހަނާ ދައްކާފައެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެކުއްޖާ މަރުވީ ހަރުފައެއް ވިހަ ލައިގެން، ޖޯންޕޫރް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
އެކުއްޖާ މަރުވުމުން، އާއިލާއިން އެހޮސްޕިޓަލުގައި އެދުނީ އެމްބިއުލޭންސްގައި ގެއާއި ހަމައަށް ގެންގޮސްދިނުމަށެވެ. ނަމަވެސް ހޮސްޕިޓަލުން އެކުއްޖާގެ ބައްޕަ ކައިރީގައި ބުނީ ފުރަތަމަ އެމްބިއުލޭންސަށް ޕެޓްރޯލު އެޅުމަށެވެ.
އެހެން ނުހަދާ އެމްބިއުލޭސްގައި ގެންގޮސްދިނުމަށް ކުއްޖާގެ ބައްޕަ ކުރިހާ އާދޭހަށް އެހޮސްޕިޓަލުން ވަނީ ބީރުކަންފަތެއް ދީފައެވެ.
ނިއުސް 18 އިން ބުނެފައިވަނީ އެހޮސްޕިޓަލުގެ ޗީފް މެޑިކަލް ސުޕަރިންޓެންޑަންޓް ޑރ. އޭކޭ ޝަރްމާ، އެއަންހެން ކުއްޖާގެ ބައްޕަގާތު ބުނީ ފުރަތަމަ ޕެޓްރޯލް ގެނައުމަށްފަހު ދެން އެމްބިއުލޭންސުގައި އެކުއްޖާގެ ހަށިގަނޑު ގެންދިޔުމަށެވެ.
މަރުވެފައިވާ ދަރިފުޅު އުނގަށް ލައިގެން އެބައްޕަ އެމްބިއުލޭންސްގެ ޚިދުމަތަށް އެދި އެހޮސްޕިޓަލުގެ މީހުން ގާތު ރޮއެ އާދޭސް ކުރިއެވެ. ނަމަވެސް ތިން ގަޑިއިރު ވީއިރު ވެސް އެޚިދުމަތް ނުދިން ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.