ދުނިޔެ

ޗައިނާގައި ތިބީ ކޮވިޑް19 ޖެހިފައިތިބި އެންމެ 166 މީހުން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19 ފުރަތަމަ ފެތުރެންފެށި ޗައިނާގައި މިހާރު ކޮވިޑް-19 އަށް ފަރުވާ ދެމުން އަންނަނީ 166 މީހުންނަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޗައިނާގައި މިހާތަނަށް 85,322 މީހަކަށް މިބަލި ޖެހިފައިވާއިރު، 80,522 މީހުން މިބަލިންވަނީ ޝިފާ ލިބިފައެވެ. މީގެ މާނައަކީ މިހާރު ޗައިނާގައި މިބަލި ޖެހިފައިވަނީ 166 މީހުންނަށެވެ. މީގެ ތެރެއިން 4 މީހުންގެ ހާލު ސީރިޔަސްއެވެ.

ޗައިނާއިން މިބަލި ޖެހިގެން 4,634 މަރުވެފައިވާއިރު، އެންމެ ފަހުން މީހެއް މަރުވެފައިވަނީ މެއި މަހު 17 ވަނަ ދުވަހުއެވެ.

ޗައިނާއިން ކޮވިޑް ކޮންޓްރޯލްކޮށްފައިވާއިރު، ޗައިިިނާއިންވަނީ ކޮވިޑް-19 ވެކްސިން ދޭން ފަށާފައެވެ. މިގޮތުން ޖުލައި މަހު ޗައިނާ އިން ފުރަތަމަ ވެކްސިން ދޭން ފެށީ ކޮވިޑް-19 ޖެހުމުން ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެ މީހުންނަށެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ބޯޑަރު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ހިމެނެއެވެ.

ޗައިނާ އިން ބުނާ ގޮތުގައި ކޮވިޑް-19 އަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް މިހާރު ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން ކާބޯތަކެތި ވިއްކާ މާކެޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާއްމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިހާރު ވަނީ ދޭން ފަށާފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!