ޚަބަރު

ރަށް މޮނިޓަރިންގެ ހާލަތުގައި އޮއްވާ ކޮޗިން ކާގޯ ފެރީ ކުޅުދުއްފުށީގައި ބަނދަރުކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އިންޑިއާ އާއި ރާއްޖެއާ ދެމެދު ބޭނުން ކުރުމަށް ހަމަޖެހިފައިވާ ފެރީ.

ކުޅުދުއްފުށިން ރޭ ކޮވިޑް-19 2 ކޭސް ފެނި، ރަށް މޮނިޓަރިންނަށް ލާފައިވަނިކޮށް، ކޮޗިން-ކުޅުދުއްފުށި ފެރީ ކާގޯ، ކުޅުދުއްފުށީގައި ބަނދަރު ކޮށްފިއެވެ.

ކާގޯ ފެރީ ކުޅުދުއްފުށީގައި ބަދަރު ކުރިނަމަވެސް، ކޮޗިން ފެރީން މުދާ ބޭލުމުގެ ކަންތައްތައް ކުރިއަށް ދާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ފޯޓު ހެލްތްގެ ލަފާގެ މަތިން ކަމަށް ކުޅުދުއްފުށި ޕޯޓުން ވަނީ ހާމަކޮށްފައެވެ.

ހދ. ކުޅުދުއްފުށި ޕޯޓުގެ ޗީފް މެނޭޖަރ މުހައްމަދު އަހްމަދު އޮންލައިން ނޫހެއް ކަމަށްވާ "ރާއްޖެއެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މުދާ ބޭލުމުގެ ކަންތައްތަކުގައި އެމްޕީއެލްގެ 50 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި މުދާ މެނޭޖް ކުރުމުގައި އާންމު އުސޫލުން މުދާ ކްލިއަރ ކުރުމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރު ކުރަންވާއިރަށް ފުރިހަމަ ތައްޔާރުވެފައިވާކަން ފާހަގަކުރައްވާ މުހައްމަދު އަހްމަދު ވިދާޅުވީ މުދާތައް ދޫކުރުމަށް ބެގެޖް ރޫމެއް ތައްޔާރު ކޮށްފައިވާ ކަމަށެވެ.

ކާގޯ ފެރީ ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތި އާއި، ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުން ކުރާ ބާވަތްތަކުގެ މުދަލުގެ އިތުރުން އަންނައުނު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މި ކާގޯ ފެރީ އިން 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭނެއެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ ހޯމަ ދުވަހު އެވެ. ސޫތުކުޅިންނާއި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އަންނަ މި ކާގޯ ފެރީން ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު މާލެއަށް ވެސް ބަނދަރު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

Ads by Ooredoo
  1. ފެރީ

    ދެލޯ ހަމަ ތަ؟ ފެރީ އޮތީ ކުުޅުދުއްފުށި ބޭރުގަ އަޅާފަ

  2. ރައްޔިތުން

    ތިޔައީ ވަރަށް ބޮޑު ކުރިއެރުމެއް.