ކޮވިޑް19 އިން ރަނގަޅުވިތާ 2 ހަފްތާ ފަހުން 12 އަހަރު ކުއްޖަކު އަނެއްކާ ވެސް ކޮވިޑަށް ފައްސި ވެއްޖެ
ކޮވިޑް-19 ޖެހި ބަލިން ރަނގަޅުވުމަށް ފަހު ދެވަނަ ފަހަރަށް ޗައިނާގެ ކުއްޖަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ޑެއިލީމެއިލް އިން ރިޕޯޓް ކުރާ ގޮތުގައި ދެވަނަ ފަހަރަށް ކޮވިޑް ޖެހިފައިވަނީ، އެމެރިކާއިން ޗައިނާއަށް ދަތުރު ކުރި ކުއްޖެކެވެ. މިކުއްޖާ ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޓެސްޓް ކުރުމުން މިބައްޔަށް ވަނީ ފައްސިވެފައެވެ. އަދި އެކުއްޖާއާއެކު ދަތުރު ކުރި އެކުއްޖާގެ މައިން ބަފައިން ވެސް ކޮވިޑަށް ވަނީ ފައްސިވެފައެވެ. މިއާއެކު މިކުއްޖާ މައިންބަފައިންނާއެކު ވަނީ އައިސޮލޭޝަންއަށް ލާ ފަރުވާ ދީފައެވެ.
12 އަހަރުގެ މިކުއްޖާގެ ގައިން ކޮވިޑްގެ އަލާމާތެއް އޭރު ނުފެނެއެވެ. 14 ދުވަހު ކަރަންޓީންގައި ބައިތިއްބައިގެން ފަރުވާ ދިނުމަށްފަހު މިތިން މައިން ވަނީ ދޫކޮށްލާފައެވެ. އަދި ޗައިނާގައި އޮންނަ ޤަވާއިދުގެ ދަށުން ބަލިން ރަނގަޅުވުމަށް ފަހު 16 ދުވަހު މި ތިންމައިން ވަނީ ހޯމް ކަރަންޓީން ވެފައެވެ. އަދި ހޯމް ކަރަންޓީން ނިންމާ ކޮވިޑް-19 ޓެސްޓް ހެދިއިރު، 12 އަހަރުގެ ކުއްޖާ ވަނީ އަނެއްކާ ވެސް މިބައްޔަށް ފައްސިވެފައެވެ.
ދެވަނަ ފަހަރަށް މިކުއްޖާ ފައްސިވެފައި ވާއިރު، މިފަހަރު ކުއްޖާގެ މައިންބަފައިންނަށް މިބަލި ޖެހިފައެއް ނުވެއެވެ. މިކުއްޖާއަށް މިހާރު ފަރުވާ ދެމުންދާ ކަމަށް ޗައިނާގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިޔާ ތަކުން ރިޕޯޓް ކުރެއެވެ.
ކޮވިޑް-19 ޖެހުމަށްފަހު ދެވަނަ ފަހަރަށް ބަލިޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ. މިހާތަނަށް މިގޮތަށް ދެވަނަ ފަހަރަށް ބަލި ޖެހިފައިވަނީ މަދު ބަޔަކަށެވެ. ސައިންސްވެރިން ޤަބޫލު ކުރާ ގޮތުގައި މިބަލި ޖެހި ރަނގަޅުވުމުން ހަށިގަނޑުގައި ވަކި ދުވަސްތަކަކަށް މިބަލިން ހަނގުރާމަ ކުރާ ފަދަ އެންޓި ބޮޑީއެއް އުފައްދައެވެ. ނަމަވެސް މިކަން މިހާތަނަށް ވަނީ ކަށަވަރުވާ ގޮތް ނުވެފައެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ ދެވަނަ ފަހަރަށް ބަލި ޖެހިފައި ވަނީ، ޓެސްޓް ކިޓުގެ މައްސަލައަކުން ކަމަށް ބެލެވޭ ކަމަށާއި ނޫނީ މިބަލި ގިނަ ދުވަހަށް ދެމިގެން ދަނީ ކަމަށްވެސް ބެލެވޭ ކަމަށެވެ.