ސިއްޙަތު

ކޮވިޑް ޖެހިފައިވާ މީހުނަށް ވިޓަމިން ޑީ ވަރަށް މުހިންމު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހަށިގަނޑުގައި ވިޓަމިން ޑީ މަދު މީހުން ކޮވިޑް-19 ޖެހިގެން މަރުވުމުގެ 52 އިންސައްތަ ބޮޑުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by STELCO

ވިޓަމިން ޑީ އަކީ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ، ނުރައްކާތެރި ވައިރަސް ތަކުން ހަށިގަނޑު ދިފާއުކޮށްދޭ ޓީ ސެލް ތަކާއި މެކްރޯފޭޖަސް ވަރުގަދަ ކުރުމަށް މުހިންމު މާއްދާއެކެވެ.

މީގެ ކުރީގެ ބައެއް ދިރާސާތަކުން ވަނީ ވިޓަމިން ޑީ މަދުވުމާ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާ ގުޅުން ހުރި ކަމަށް ވެސް ދައްކާފަ އެވެ.

ޔުނިވާސިޓީ އޮފް ޗިކާގޯ އިން ކުރި ދިރާސާއެއްގައި ދައްކާ ގޮތުގައި ހަށީގަނޑުގައި ވިޓަމިން ޑީ ހުރިވަރު އިތުރުކުރި މީހުންގެ ތެރެއިން ކޮވިޑް-19 ޖެހިފައި ވަނީ ވަރަށް މަދު އިންސައްތައެއްގެ މީހުންނަށެވެ. ނަމަވެސް މި ދިރާސާގައި ހިމަނާފައިވާ މީހުންގެ އަދަދު މަދުވުމާއެކު، ވިޓަމިން ޑީ އިން ކޮވިޑް-19 އަށް ކުރާ އަސަރުތައް ދެނެގަތުމަށް އިތުރަށް ކްލިނިކަލް ޓްރަޔަލްސް ހަދާނެ ކަމުގައި ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ބޮސްޓޮން ޔުނިވާސިޓީ އިން ކުރި ދިރާސާއަކުން ވެސް ވަނީ ހަށިގަނޑުގައި ވިޓަމިން ޑީ މަދު މީހުން ކޮވިޑް-19 ޖެހިގެން މަރުވުމުގެ ފުރުސަތު ބޮޑު ކަމަށް ދައްކާފައެވެ.

ހަށިގަނޑަށް ވިޓަމިން ޑީ ލިބެން އޮތީ ދެ ގޮތަކަށެވެ. އެއީ އިރުގެ އަވިންނާއި ވިޓަމިން ޑީ އެކުލެވޭ ކާނާ ކެއުމެވެ.

އިރުގެ އަވިން ވިޓަމިން ޑީ ހޯދުމަށް، ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް ބައި ގައިޑިއެއްހާއިރު އަވީގައި ހޭދަ ކުރަން ޖެހޭނެ އެވެ. އަދި އެކަމަށް އެންމެ ރަނގަޅީ އިރު އަރައިގެން އަންނަ ވަގުތެވެ.

ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ ހޯދުމަށް ދެން އޮތް ގޮތަކީ، ވިޓަމިން ޑީ އެކުލެވޭ ކާނާ ކެއުމެވެ. އެގޮތުން، ދަޅު މަހާއި، ސަލްމަން އަދި ސާޑައިންސް އަކީ ގިނަ އަދަދަކަށް ވިޓަމިން ޑީ އެކުލެވޭ ކާނާތަކެވެ.

އޭގެ އިތުރުން ކޮޑް ލިވާ އޮއިލް އާއި މަޝްރޫމް، އޮއިސްޓާ އަދި ބިހުގެ ރީނދޫ ބަޔަކީ ވެސް ވިޓަމިން ޑީ އެކުލެވޭ ކާނާތަކެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!