ލަކީ ޑްރޯއިން ލިބޭ ޙައްޖު، ޢުމުރާ ދަތުރު ޙަލާލުވާނެތަ؟
ވިޔަފާރީގެ ވާދަވެެރިކަން އިތުރުވުމާއެކު ، އެވިޔަފާރިތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ޓަކައި މާކެޓިން އަދި ޕްރޮމޯޝަންގެ ތަފާތު އެކި ހަރަކާތްތައް އަހަރެމެންގެ ތެރޭގައި ވަނީ އާންމުވެފައެވެ. ޑިސްކައުންޓް ދިނުމާއި ހަދިޔާ ދިނުމުގެ އިތުރުން އެކި ޕްރޮމޯޝަންތަކުގައި ބޭރުގައުމު ތަކުގައި ޗުއްޓީ ހޭދަކޮށްލުމަށާއި ހައްޖާއި އުމްރާގެ ދަތުރުތައް ހުށަހެޅުމަކީ ވެސް މިހާރު އާންމު ކަމެކެވެ. މިފަދަ ލަކީޑްރޯތަކުން ލިބޭ ޙައްޖާއި އުމްރާ ދަތުރުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ އެފަދަ ދަތުރުތައް ހުއްދަ ވާނެ ހެއްޔެވެ؟
މިއީ މި ސުވާލަށް ޝައިޚް މުޙައްމަދު ޝާފިޢު ދެއްވާފައިވާ ޖަވާބެވެ.
ލަކީ ޑްރޯއިން ލިބޭ ޢުމުރާ ދަތުރު ޙަލާލު ވުމާއި ނުވުން ބިނާވަނީ ލަކީ ޑްރޯ ޙަލާލުވުމާއި ނުވުމުގެ މައްޗަށެވެ. ހުއްދަ ލަކީޑްރޯއެއް ނަމަ އޭގެން އިނާމަކަށް ލިބޭ ޢުމުރާ ދަތުރު ހުއްދަވާނެއެވެ. ޙަރާމް ލަކީޑްރޯއެއް ނަމަ ހުއްދައެއް ނުވާނެއެވެ.
ލަކީޑްރޯ ހުއްދަވުމަށް އަންނަނިވި ދެ ޝަރުތު އޭގައިވުން ޢިލްމުވެރިން ޝަރުޠުކުރައްވައެވެ.
ހ- ލަކީޑްރޯގައި ވިއްކާ މުދަލުގެ އަގު އޭގެ އިހު ހުރި އަގަށްވުރެ ބޮޑު ނުކުރުން (މީގެ މިސާލަކީ ޢާއްމުގޮތެއްގައި ކޯސްޓު ކިރުދަޅެއް ލިބެނީ 200 ރ އަށް ނަމަ ޕްރޮމޯޝަންގައި އޭގެ އަގު 220 ރ އަށް ހެދުމެވެ.) މިގޮތަށް ބޮޑުކުރާނަމަ އެ ލަކީޑްރޯގައި ބައިވެރިވުން ހުއްދައެއް ނުވާނެއެވެ.
ށ- ލަކީޑްރޯއިން ވިޔަފާރިކުރާ މީހާ އެ ގަންނަ މުދަލަކީ އޭނާ ޙަޤީޤަތުގައިވެސް އެ މުދަލަށް ޙާޖަތް ޖެހިގެން ގަންނަ މުދަލަކަށްވުން (މީގެ މިސާލަކީ މީހަކު ކޯސްޓު ކިރުގެ ޕްރޮމޯޝަނެއް ކުރިޔަށް ދާތީ ގޭގައި ކިރު ދަޅު ހުއްޓާވެސް ހަމަ ލަކީޑްރޯގައި ބައިވެރިވުމުގެ ނިޔަތުގައި އެކަނި ކިރުދަޅު ގަތުމެވެ.) މުދަލަށް ޙާޖަތް ނެތި ހަމައެކަނި ލަކީޑްރޯގައި ބައިވެރި ވުމުގެ ނިޔަތުގައި އެކަން ކުރުން ހުއްދައެއް ނުވާނެއެވެ.
ވީމާ، މި ދެ ޝަރުޠު ހިމެނޭ ލަކީޑްރޯއަކުން ލިބޭ ޢުމުރާ ދަތުރެއް ހުއްދަވާނެއެވެ.
ބައެއް މީހުން ލަކީޑްރޯއާއި ޖުވާކުޅުމާ އެއްގޮތް ކުރެއެވެ. މި ދެކަމުގެ ތަފާތަކީ ޖުވާކުޅޭ އިރު ފައިސާ ބަހައްޓާ މީހާއަށް އެއްވެސް މަންފާއެއް ނުލިބެއެވެ. މަންފާ އޭނާއަށް ލިބެނީ ގުރުއަތުން އޭނާ ހޮވިއްޖެނަމައެވެ. ލަކީޑްރޯގެ ޙާލަތުގައި ގުރުއަތުން އޭނާ ނުހޮވުނަސް އޭނާއަށް މާލީ މަންފާއެއް ލިބިފައިވެއެވެ. އެއީ އޭނާ ފައިސާދީފައި ގަތް ކިރުދަޅެވެ. އަދި ވިއްކާ މީހާއާއި ގަންނަ މީހާއާ ދެމީހުންނަށް ފައިދާވީތީ، މިއީ ޞައްޙަ މުޢާމަލާތެކެވެ. ޖުވާގައި ފައިދާވަނީ އެއްފަރާތަށެވެ. އަނެއްފަރާތަށް ވަނީ ގެއްލުމެވެ.