ޚަބަރު

ވަޅީގެ ހަމަލާއިން ޝަމާލް ސަލާމަތްކޮށްދިން މީހާއަށް ސީޕީ ހަމީދުގެ ތައުރީފް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިދިޔަ ބުދަ ދުވަހުގެރޭ ހަވީރީ ހިނގުމާއި ޝަހީދު އަލީ ހިނގުމާއި ގުޅުނު ހިސާބުން ވަޅިން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ އެވަގުތުން ވަގުތަށް ހޮސްޕިޓަލަށް ގެންގޮސްދިން މީހާއަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ތައުރީފް ކުރައްވައިފިއެވެ.

މި ހަމަލާގައި ޒަހަމްވި ވިޔަފާރިވެރިޔާ ޝަމާލަށް ހަމަލާދިން މަންޒަރު ފެނުމާއެކު ލަސްކުރުމެއް ނެތި އެމީހަކު ވަނީ އޭނާ ގޮވައިގެން ހޮސްޕިޓަލަށް ގޮސްފައެވެ. ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޒުވާނާ އެދެއްކީ އިންސާނިއްޔަތުގެ ލާމަސީލު ނަމޫނާ އެއް ކަމަށެވެ. އަދި އޭނާއަކީ ބަތަލެއްގެ ގޮތުގައި ސީޕީ ހަމީދު ސިފަ ކުރައްވާ އެ ޒުވާނާއަށް ހަމީދު ސެލިއުޓް ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ވަޅިން ދިން ހަމަލާގައި ޒަހަމްވި ޒުވާނާ ވަނީ އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި އެހީވި މީހާއަށް ޝުކުރުވެރިވެ އޭނާއާ ބައްދަލުކުރަން އައުމަށް އެދިފައެވެ.

"ސުވާލު ކުރުމެއް ނެތި އަހަރެން އައިޖީއެމްއެޗްއަށް ގެންދިޔަ މީހާއަށް އަހަރެން ޝުކުރު ދަންނަވަން. އިންސާނިއްޔަތު ކަމަކީ މިއީ އަހަރެންނަށް ތިއީ ކާކުކަމެއް ވެސް ތިޔަ ފަރާތުގެ ނަމެއް ވެސް ނޭނގޭ، އަދި "ކޮންޓެކްޓް" ކުރެވޭނެ ގޮތެއްވެސް ނޭނގެ. ނަމަވެސް ތި ފަރާތުން އަދާ ކުރި ޒިންމާއިން އަހަރެންގެ ފުރާނަ މި ވަނީ ސަލާމަތްވެފައި". ވަޅިން ދިން ހަމަލާގައި ޒަހަމްވި ޒުވާނާ ފޭސްބުކުގައި ލިޔެފައިވަނީ މިހެންނެވެ.

އެޒުވާނާގެ ފުރާނަ ސަލާމަތް ކޮށްދިނުމުގައި އެހީތެރިވެދިން މީހާ މިހާރު ވަނީ އައިޖީއެމްއެޗްއަށް ގޮސް އޭނާއާ ބައްދަލުކޮށްފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!