ދުއްވަމުން ދިޔަ ބަހެއްގައި އަނެއްކާ ވެސް އަންހެނަކު ރޭޕްކޮށް މަގު މައްޗަށް އެއްލާލައިފި
އުއްތަރަ ޕްރަދޭޝް، އިންޑިއާ: ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި އިންޑިއާ އަންހެނަކު އަނެއްކާ ވެސް ރޭޕް ކޮށް މަގު މައްޗަށް އެއްލާލައިފިއެވެ.
ކޮންމެ ދުވަހަކު ވެސް ރޭޕްގެ އެތައް ހާދިސާއެއް ހިނގާ އިންޑިއާގައި މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި މީރޫތަށް ނިސްބަތްވާ އެ އަންހެން މީހާ ހުކުރު ދުވަހުގެރޭ ބަހަށް އެރީ ބައިސާލީ ބަސް ސްޓޭންޑުންނެވެ. އަދި ބަހަށް އެރުމުން ބަހުގެ ކޮންޑަކްޓަރު ވަނީ އޭނާއަށް ސޮފްޓް ޑްރިންކެއް ދީފައެވެ. އެ ބުއިމާއެކު އެ އަންހެން މީހާގެ ހޭ ނެތުނު ކަމަށާއި އޭގެ ފަހުން ހޮނިހިރު ދުވަހު ހެނދުނު އޭނާ ހޭ އެރިއިރު އޭނާ އޮތީ މީރޫތުގެ މަގެއްގެ މަތީގައެވެ.
ހޭ އެރުމުން އެ މީހާ ހޮސްޕިޓަލަށް ދިޔަ ކަމަށާއި އެ އަންހެން މީހާއަށް ނަފްސާނީ ޝޮކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނެފައި ވަނީ އެ އަންހެން މީހާ ހޭ ނެތުމާއެކު މުޅި އެ ރޭ ބަސް ޑްރައިވަރާއި ކޮންޑަކްޓަރު އެ އަންހެންމީހާ ރޭޕް ކޮށްފައިވާ ކަމަށެވެ. އަދި ހެނދުނުވާން ކައިރިވުމުން މަގު މައްޗަށް އެއްލާލީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިއީ އުއްތަރަ ޕްރަދޭޝްގައި މި މަހު އެކަނި ވެސް ދުއްވަމުން ދިޔަ ވެހިކަލްގައި ރޭޕް ކުރި ތިން ވަނަ ފަހަރެވެ.