ހެނދުނުގެ ނާސްތާއަށް ޗޮކްލެޓް ކެއުމަކީ ވިސްނުންތޫނުވެ ބަރުދަން ލުއިކޮށްދޭ ކަމެއް: ދިރާސާ
ޗޮކްލެޓަކީ ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ސިއްހަތަށް ވަރަށް ގެއްލުން ދެނިވި އެއްޗެކެވެ. ހަގީގަތުގައިވެސް ވަކި މިންވަރަކަށްވުރެ އިތުރަށް ކައިފިނަމަ ޗޮކްލެޓްގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ. ވަކި ޗޮކްލެޓް އެކަންޏެއް ނޫނެވެ. ކޮންމެ އެއްޗެއް ވެސް ކެއުމުގައި ހައްދު ފަހަނައަޅައި ގޮސްފިނަމަ އޭގެ ސަބަބުން ސިއްހަތަށް ގެއްލުންތަކެއް ވެދާނެއެވެ.
ހެނދުނުގެ ނާސްތާއަށް ޗޮކްލެޓް ކެއުމުން ވިސްނުންތޫނު ކޮށްދޭ
ބޭރުގެ ޔުނިވަރސިޓީއެއް ކަމަށްވާ ސީރާކިއުސް ޔުނިވާސިޓީއިން ކުރި ދިރާސާއެއްގައި 23 އަހަރާއި 98 އަހަރާއި ދެމެދުގެ 968 މީހުން ބައިވެެރިވެފައި ވެއެވެ. އެ ދިރާސާއިން ދައްކާގޮތުގައި ކޮންމެ ދުވަހަކު އާދަކޮށް ޗޮކްލެޓް ކާ މީހުންގެ ވިސްނުން ތޫނެވެ. އަދި ހަނދާން ހުރުމުގެ ބާރު ވެސް ގަދަކަމަށް މި ދިރާސާއިން ވަނީ ހާމަ ކޮށްދީފައެވެ.
ނިއުރޯސައިކޮލޮޖިކަލް ޓެސްޓުތަކުން ދައްކާ ގޮތުގައި ވެސް ކޮންމެ ދުވަހަކު ޗޮކްލެޓް ކާނަމަ، ވިސްނުން ތޫނުކޮށްދީ ހަނދާން ކުރުމާއި ދަސްކުރުމުގެ ބާރު ގަދަ ކޮށްދެއެވެ.
ބަރުދަންވެސް ލުއިކޮށްދޭ
ހެނދުނުގެ ނާސްތާއަށް ޗޮކްލެޓް ކެއުމަށް ދެން ދެރަވާކަށް ނުޖެހެއެވެ. ހާއްސަކޮށް ޗޮކްލެޓް ކާކަށް ހާސްވާކަށް ނުޖެހެއެވެ.
2012 ވަނަ އަހަރު ޓެލް އެވިވް ޔުނިވާރސިޓީގެ ހޯދުންތެރިންތަކެެއް ކުރި ދިރާސާއަކުން ދައްކާގޮތުގައި ހެނދުނުގެ ނާސްތާއަށް ޗޮކްލެޓް ކޭކް ބޭނުން ކުރުމަކީ ބަރުދަން ލުއި ކޮށްދޭ ކަމެކެވެ. މި ދިރާސާގައި 163 މީހުން ބައިވެރިވިއެވެ. މިދިރާސާގައި ފުރަަތަމަ 16 ހަފްތާ ތެރޭގައި ދިރާސާގައި ބައިވެރިވި ދެޖިންސުގެ މީހުންގެ ތެރެއިން ޗޮކްލެޓް ކޭކް ހެނދުނުގެ ނާސްތާއަށް ބޭނުން ކުރުމުގެ ސަބަބުން އެވަރެޖްކޮށް ކޮންމެ މީހެއްގެ ބަރުދަނުން 33 ކިލޯ ވަނީ ލުއި ވެފައެވެ. މިދިރާސާގެ ދެވަނަ ސްޓޭޖްގައި ދެ ޖިންސުގެ މީހުންގެ ތެރެއިން އެވަރެޖްކޮށް ކޮންމެ މީހެއްގެ ބަރުދަނުން 40 ކިލޯ ލުއި ވެފައިވާކަން ފާހަގަ ކުރެވެއެވެ. މިދިރާސާކުރި ހޯދުންތެރިން ގަބޫލުކުރާ ގޮތުގައި ފޮނި އެއްޗެހި ކާން އެންމެ ރަނގަޅު ވަގުތަކީ ހެނދުނުގެ ވަގުތެވެ. ސަބަބަކީ އެވަގުތު ފޮނި އެއްޗެއް ކެއުމަށްފަހު މުޅި ދުވަހު އެކި ކަަންކަމުގައި މަސްއޫލުވެ އުޅުމުގެ ސަބަބުން، ހަށިގަނޑުގައި ހުންނަ ކެލޮރީސްތައް ފަސޭހައިން ވިރުވައި ދެއެވެ.
ހެނދުނުގެ ވަގުތުގައި ފޮނި އެއްޗެއް ކެއުމަކީ ދުވަހުގެ އަނެއްބައިގައި ފޮނި އެއްޗެއް ކެއުމަށް ބޭނުންވާ ބޭނުންވުން ކުޑަކޮށްދޭ ކަމެއް ކަމުގައިވެސް މި ދިރާސާއިން ވަނީ ދައްކާފައެވެ. އޭގެ ސަބަބުން ކެއުމުގައި ފޮނި އެއްޗެހި ބޭނުން ކުރެވޭ މިންވަރު މަދުވެގެން ދެއެވެ.