ކަރަން ޖޯހަރްގެ ޕާޓީއާއި މަސްތުވާތަކެތީގެ މިމައްސަލައާއި ގުޅުމެއް ނެތް: އެންސީބީ

ބޮލީވުޑްގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ކަރަން ޖޯހަރް މިދިޔަ އަހަރު އޭނާގެ ގޭގައި ބޭއްވި ޕާޓީ އާއި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން މިހާރު ތަހުގީގު ކުރެވެމުންދާ މަސްތުވާތަކެތީގެ މައްސަލައާއި އެއްވެސް ގުޅުމެއް ނެތް ކަމަށް އިންޑިއާގެ އެ ބިއުރޯއިން ހާމަކޮށްފިއެވެ.
ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާއި ގުޅިގެން ހިންގި ތަހުގީގުގައި، މަސްތުވާތަކެތީގެ މައްސަލަތަކެއް ވެސް މިވަނީ ފެންމަތިވެފައެވެ. އެގޮތުން ސުޝާންތަކީ ވެސް އެތަކެތި ބޭނުން ކުރި މީހެއް ކަމަށާއި، އޭނާގެ ބައެއް ކުރީގެ ލޯބިވެރިޔާ އަދި އެކްޓަރ ސާރާ އަލީ ޚާން ވެސް އޭނާއާއެކު މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. އެއާއެކު އެކްޓަރ ރަކުލް ޕްރީތާއި، ޝްރައްދާ ކަޕޫރް އަދި އެންމެ މަޝްހޫރު ދީޕިކާ ޕަދުކޯން ވެސް މިހާރު ވަނީ މިކަމުގައި ބައިވެރި ވެފައިވާ ކަމުގެ އުޅޭ ކަމުގެ އަޑުތައް އަރާފައެވެ.
ދީޕިކާގެ ނަން މަސްތުވާ ތަކެއްޗާއި ގުޅުމާއެކު މީސްމީޑިއާގައި ފެންމަތިވީ މިދިޔަ އަހަރު، ކަރަން ޖޯހަރް އޭނާގެ ގޭގައި ބޭއްވި ޕާޓީއެއްގެ ފޮޓޯތަކެކެވެ. އެޕާޓީގައި ދީޕިކާ ވެސް ބައިވެރިވެފައި ވާއިރު ގިނަ މީހުން ބުނަމުން ދިޔައީ އެޕާޓީގައި މަސްތުވާތަކެތި ބޭނުން ކޮށްފައިވާ ކަމަށާއި ކަރަން އަކީ ވެސް އެކަމުގެ ތެރޭގައި އުޅޭ މީހެއް ކަމަށެވެ.
އެކަން އެންމެންނަށް ސާފުކޮށް ދިނުމަށްޓަކައި ކަރަން ޖޯހަރް ވަނީ މިދިޔަ ހުކުރު ދުވަހު ބަޔާނެއް ވެސް ނެރެފައެވެ. އޭގައި އޭނާ ބުނެފައިވަނީ މަސްތުވާތަކެއްޗަކީ އޭނާ ހިތްވަރުދީ، ބޭނުންކުރާ އަދި ބޭނުން ކުރުވާ އެއްޗެއް ނޫން ކަމަށާއި މަސްތުވާ ތަކެއްޗާއި އޭނާ ނުގުޅުވުމަށެވެ.
ކަރަން މިފަދައިން ބުނެފައިވާއިރު، އިއްޔެ އެންސީބީން ވެސް ވަނީ، ކަރަން ބޭއްވި ޕާޓީއާއި އެމީހުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައާއި ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.
މިމައްސަލައާއި ގުޅިގެން ކަރަން ޖޯހަރް އެންސީބީ އަށް ހާޒިރު ކުރާނެތޯ ކުރި ސުވާލަށް ޖަވާބު ދެމުން އެންސީބީ ސައުތު ވެސްޓަން ރީޖަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޝޯކް ޖެއިން މީޑިއާ ތަކަށް ބުނީ، ކަރަން ހާޒިރު ނުކުރާނެ ކަމަށާއި އެޕާޓީއާއި މިމައްސަލައާއި އެއްވެސް ގުޅުމެއް ނުވާ ކަމަށެވެ.