ހުކުރު ޚުތުބާ: މުސީބާތުގެ ވަގުތުގައި ވެސް މެދުވެރިވެފައިވާ ހާލަތަށް ކެތްތެރިވާށެވެ.
މުސީބާތްތަކާއި ކާރިސާތަކުގެ ވަގުތުގައި މާތްﷲގެ ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވެ، މެދުވެރިވެފައިވާ އެހާލަތަކަށް ކެތްތެރިވުމަށް މިއަދުގެ ހުތުބާގައި ގޮވާލައިފިއެވެ.
ﷲގެ އެއްކައުވަންތަކަމުގެ މައްޗަށް އަލި އަޅުވާލާ މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ ކާރިސާގެ ވަގުތުގައި ވެސް އެންމެ ވަރުގަދަ ހަތިޔާރަކީ ﷲ ތައާލާ އެއްކައުވަންތަކޮށް، އެކަލާނގެ ހަޟްރަތުން ވާތްގަށް އެދި ދެންނެވުން ކަމަށާއި ސަބަބުތަކުގައި ހިފައި ހައްގު ގޮތުގައި ﷲ އަށް ވަކީލު ކުރުން ކަމަށެވެ.
ހުތުބާގައި ބުނެފައި ވަނީ އަހަރެމެން އެންމެން މި ތިބެނީ މަރުގެ ތުންފަތް މަތީގައި ކަމަށާއި ދިރިހުރުމާއި މަރާ މެދު މި އޮތް ވަގުތުކޮޅުގެ ތެރޭގައި ބޭނުންހައި ގޮތަކަށް އުޅެގެން ނުވާނެ ކަމަށެވެ. އަދި ބޭނުންހާ މަގެއް ހިޔާރު ކޮށްގެން ވެސް ނުވާނެ ކަމަށެވެ.
"ގަދައަޅައި މަސައްކަތްކުރަން ޖެހޭނީ ﷲގެ ރުއްސެވުމާއި ފުއްސެވުން ހާސިލް ކުރުމަށެވެ. މިއީ އިމްތިހާނުގެ ހަޔާތެއްކަން ދަނެ، އަމަލުތައް ސީދާ ކުރުމަށެވެ. އިޢްތިގާދާއި ބަހާއި އަމަލުތައް ﷲއަށް ޚާލިޞް ކުރުމަށެވެ." ހުތުބާގައި ވެއެވެ.
ހުތުބާގައި ބުނެފައި ވަނީ އަޅުގަނޑުމެން އަޅާ ކޮންމެ ފިޔަވަޅަކީ، ލާ ކޮންމެ ނޭވާ އަކީ ﷲ އެއްކައުވަންތަ ކުރުން ރަމްޒުކޮށްދޭ އަމަލެއް ކަމުގައި ހެދުމަށް ނުހަނު ގަދައަޅާ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"އޭރުން ސަލާމަތާއި ރައްކާތެރިކަން ލިބޭނެއެވެ. އަމަން އަމާންކަން ގާއިމުވާނެއެވެ. ސިލްމާއި ސަލާމަތްކަން އާންމުވާނެއެވެ. ސާދާ ސީދާ ދިރިއުޅުމަކަށް މުޖުތަމައު މިސްރާބު ޖަހާނެއެވެ. ވެރިންނާއި ރައްޔިތުންގެ މެދުގައި އިތުބާރު އުފެދޭނެއެވެ. އަނބިންނާއި ފިރިންގެ މެދުގައި އުލްފަތާއި ކުލުނު އުފެދޭނެ އެވެ. އަދި މައިންބަފައިންނާއި ދަރިންގެ މެދުގައި ރަހުމާއި ލޯބި އުފެދި، އެންމެން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ކަމަރުން ބަނދެވިގެން ދާނެއެވެ." ހުތުބާގައި ބުނެފައިވެއެވެ.
އިސްލާމް ދީނުގެ އެންމެ މަތިވެރި އަސާސަކީ ﷲ އެއްކައުވަންތަ ކުރުން ކަމަށާއި ހައްގު ގޮތުގައި އިހްލާސްތެރިކަމާއެކު ޝިރުކުން އެއްކިބާވެ އެކަމުން މުޅިން ބަރީއަވުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.