90 އަހަރުގައި މިމީހާ ލެޕްޓޮޕް ބޭނުން ކުރަން ދަސްކުރަނީ، ގިނަ ބަޔަކު އާޝޯހު ކޮށްލައިފި

އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ 90 އަހަރުގެ އަންހެނަކު ލެޕްޓޮޕެއް ބޭނުން ކޮށްގެން ހަބަރު ކިޔަމުންދާތަން ދައްކުވައިދޭ ފޮޓޯއެއް މީސްމީޑިއާގައި އާންމުވެ އެ ފޮޓޯތަކަށް ގިނަބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ މި ފޮޓޯތަކުން ގިނަ ބައެއްގެ ހިތް މި އަންހެން މީހާ ވަނީ ފަތަހަ ކޮށްފައެވެ. މި ފޮޓޯތައް ހިއްސާކޮށްފައިވަނީ އޭނާގެ މާމަ ދަރިފުޅު އަރުން ތޯމަސް އެވެެ.
މެތިއުސް ކިޔާ މިމީހާ އުފަންވެފައި ވަނީ 1930 ގެ އަހަރުތަކުގައެވެ. އެ ޒަމާނަކީ ލެޕްޓޮޕް ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ހުންނަ ޒަމާނެއް ވެސް ނޫނެވެ. އެ ޒަމާނުގައި ހަބަރު ފަތުރަނީ ނޫސް މަޖައްލާތަކާއި ނޫސް ކަރުދާސް ބޭނުން ކޮށްގެންނެވެ. މިހާރު އޭނާއަށް 90 އަހަރުވެފައިވާއިރު މިހާރު އޭނާ އެދަނީ ލެޕްޓޮޕް ބޭނުން ކުރަން ދަސްކުރަމުންނެވެ. އަދި ގިނަބައެއްގެ ލޯބި ހޯދަމުންނެވެ.
ޒަމާނީ ވަސީލަތްތައް ބޭނުން ކުރުމަށް ދަސްކުރުމަކީ މިހާރުގެ ޒަމާނީ ވަސީލަތްތައް އޭނާ އަގުވަޒަން ކުރާ ކަމުގެ ދަލީލެއް ކަމަށް އޭނާގެ މާމަ ދަރިފުޅު އަރުން ،ލިޔެފައިވެއެވެ.
އެ އުމުރުގެ މީހަކަށް އެފަދަ ޒަމާނީ ވަސީލަތެއް ބޭނުން ކުރަން ދަސްކުރުމަކީ ފަސޭހަ ކަމެއް ނޫންކަން ފާހަގަ ކުރަމުން ގިނަ ބަޔަކު ވަނީ އެމީހާއަށް ތަރުހީބު ދީފައެވެ. އަދި މިއީ ވަރަށް ހިތްހަމަ ޖެހޭ މަންޒަރެއް ކަމުގައިވެސް ގިނަ ބަޔަކު ފާހަގަ ކޮށްފައިވެއެވެ.
ހަބަރު ކިޔުމުގެ އިތުރުން ވެސް ލެޕްޓޮޕް ބޭނުންކޮށްގެން އިތުރު ކަންތައްތަކެއް ކުރުމަށް ވެސް މިމީހާ ދަސްކުރަމުންދާކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.