ޚަބަރު

އެންޓިޖެން ޓެސްޓު ހެދުމަށް އެޗްޕީއޭ އިން އަދި ހުއްދައެއް ނުދޭ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެންމެ 15 މިނެޓު ތެރޭގައި ނަތީޖާ ލިބޭ ގޮތަށް އެމެރިކާގެ އެބޮޓް ކުންފުނިން ތައްޔާރުކުރި ކޮވިޑް19 ޓެސްޓު "ބައިނެކްސްނައު ކޮވިޑް19 އޭޖީ ކާޑު" ރާއްޖޭގައި ބޭނުން ކުރުމަށް އަދި ހުއްދަ ދީފައި ނުވާ ކަމުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Ads by MWSC

އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" އަށް މައުލޫމާތު ދެމުން އެޗްޕީއޭ އިން ބުނެފައިވަނީ މި ކިޓްތައް ރާއްޖެއަށް ގެނައުމަށް ހުއްދައަށް އެދިފައި ވަނީ މި މަހު ކުރީކޮޅު ކަމަށާއި ހުއްދަ ދިނުމާއި ނުދިނުމާ މެދު ޓެގް ޓީމުން އަދިވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ލެބޯޓްރީ ތަހުލީލު ކުރަން ބޭނުންކުރާ އާލާތްތައް އުފެއްދުމުގެ އެންމެ ކުރީގައި އުޅޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ އެބޮޓް ލެބޯޓްރީން އުފައްދާފައިވާ މި ޓެސްޓު ކިޓު ރާއްޖެއަށް ގެނެސްފައިވަނީ މެޑިކަލް ސާމާނު ސަޕްލައިކުރާ މެޑްޓެކް ކުންފުނިންނެވެ. އެ ކުންފުންޏަކީ އެބޮޓްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.

ބައިނެކްސްނައު ކޮވިޑް19 އޭޖީ ކާޑަކީ ކްރެޑިޓް ކާޑެއްގެ ސައިޒާ ދާދި އެއް ސައިޒަކަށް ހުންނަ ކާޑެކެވެ.

ކޮވިޑް-19 ޖެހިފައިވާކަން ނުވަތަ ނޫންކަން 15 މިނެޓުން އަންގައިދޭ މިޓެސްޓުގެ ސެންސިޓިވިޓީއަކީ 97.1 ޕަސެންޓު ކަމަަށާއި ސްޕެސިފިޓީއަކީ 98.5 ޕަސެންޓު ކަމަށް އެބޮޓުން ބުނެފައިވެއެވެ.

މިޓެސްޓު އެމެރިކާއާއި ޔޫރަޕުން މިހާރު ވެސް އަންނަނީ ބޭނުން ކުރަމުންނެވެ.

އެބޮޓް ކުންފުނިން ވަނީ އޮކްޓޯބަރު މަހުން ފެށިގެން ކޮންމެ މަހަކަށް މީގެ 50 މިލިޔަން ޓެސްޓް ހެދުމަށް އަމާޒު ކޮށްފައެވެ.

އޭޖީ ކާޑުގެ އިތުރުން އެކުންފުނިން ވަނީ މި ޓެސްޓަށް ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފު ކޮށްފައެވެ. މި އެޕްލިކޭޝަނުން އެންމެ ފަހުން ޓެސްޓު ހެދި ތާރީޚާއި ޓެސްޓުގެ ނަތީޖާ ނައްސިކަން ވެސް ދައްކައިދެއެވެ.

އެބޮޓް ކުންފުނީގެ އޭޖީ ކާޑުގެ ސަބަބުން ސްކޫލްތަކާއި އޮފީސް ފަދަ ގިނަ އަދަދެއްގެ މީހުން އުޅޭ ތަންތަނުގައި ފަސޭހަކަމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮވިޑް19އަށް ޓެސްޓު ކޮށްލެވޭނެ އެވެ،

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!