ޚަބަރު

މުސާރަ ބޮޑުކުރީ އިތުރު ގަޑީގެ ފައިސާ ވެސް ގިނައިން ލިބޭ ގޮތަށް: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ފުވައްމުލަކުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

މި މަހުން ފެށިގެން ސަރުކާރުގެ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރީ، އިތުރު ގަޑީގެ ފައިސާ ވެސް އިތުރަށް ލިބޭ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by MPL

ރާއްޖޭގެ އެންމެ ދެކުނަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފުވައްމުލަކަށް ވަޑައިގެން އެމަނިކުފާނު މިރޭ ވިދާޅުވީ އަންނަ މަހު، މިމަހުގެ މުސާރައިން ފެށިގެން 20،000އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށެވެ. އަދި މުސާރައަށް އައި ބަދަލާއެކު ދިރިއުޅުގެ ފެންވަރު އިތުރަށް ރަނގަޅުވެ ފަހަށް ރައްކާކުރަން ލިބޭ ފައިސާ ވެސް އިތުރުވެ ޕެންޝަންގެ ގޮތުގައި ޖަމާކުރެވޭ އަދަދު ވެސް އިތުރުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އާ ޕޭ ފްރޭމްވޯކުގެ ދަށުން އަސާސީ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނައިރު އެންމެ ދަށް އަސާސީ މުސާރައަކަށް ވެސް 7000 ރުފިޔާ ލިބޭނެ ކަމަށެވެ.

"މައިގަނޑު ކަންބޮޑުވުމަކަށް އޮތީ އިތުރު ގަޑި. މީގެ ކުރިން ޕޭ ހާމަނައިޒް ކުރެވުނު ފަރާތްތަކުގެ ކަންބޮޑުވުމަށް ވެސް އެޑްރެސްކުރެވި ވަރަށް ބޮޑު ލުއިތަކެއް ދެވިފައި މިވަނީ" ރައީސް ވިދާޅުވީ އެވެ.

ރައީސް ވިދާޅުވީ މި ފަހަރު އިތުރު ގަޑީގެ އިނާޔަތް ދޭއިރު ހޮސްޕިޓަލް ފަދަ 24 ގަޑިއިރު މަސައްކަތް ކުރާ ތަންތަނުގައި އިތުރު ގަޑީގެ ގޮތުގައި 10 އިންސައްތަ އެންމެ މައްޗަށް ދެވޭ ގޮތަށް މިހާރު ލުއިދީފައިވާ ކަމަށެވެ.

ހަމަ އެހެންމެ ރޯދަ މަހުގެ ފަހު 10އަކާއި ސަރުކާރު ބަންދުކުރާ ދުވަސްތަކުގައި މަސައްކަތް ކުރާ ފަރާތަކަށް ވެސް އިތުރު ގަޑި ލިމިޓްކޮށްފައި އޮންނަ އޮތުމުން އިސްތިސްނާވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިތުރު ގަޑީގެ ފައިސާ ދޭނީ ޒިންމާދާރުކަމާއެކު އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

Ads by Ooredoo