"ރާއްޖޭގެ ތާރީހުގައި ވެސް އަމިއްލަ ކުންފުނިތަކާ މިހާ ގިނަ މަޝްރޫއު ހަވާލުކޮށްފައެއް ނުވޭ"
މިއަދަކީ ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ތާރީހުގައި ވެސް އަމިއްލަ ދިވެހި ކުންފުނިތަކާ މިހާ ގިނަ މަޝްރޫއު ހަވާލުކުރެވުނު ދުވަސް ކަމަށާއި، މިއީ ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ 206 މަޝްރޫއެއް ދިވެހި 53 ކުންފުންޏަކާ ހަވާލުކޮށްފައެވެ. ވޭތުވެ ދިޔަ ދެ ދުވަހު އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ދިވެހި ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތަކާ އެކު 123 ރަށެއްގައި 216 މަޝްރޫއު ހިންގުމަށް މިވަނީ ހަވާލުކޮށްފައެވެ.
މި މަޝްރޫއުތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ. އެގްރިމެންޓްގައިވާ ގޮތަށް، ކުންފުނިތަކުން މަސައްކަތް ކުރަމުންދާނެ ކަމަށާއި، އެއްވެސް ލަސްކަމެއް ނެތި އެ ކުންފުނިތަކަށް ސަރުކާރުން ފައިސާ ވެސް ދެމުންދާ ކަމަށެވެ.
އެހެންކަމުން މިއީ ވަރަށް އިންތިޒާމްވެގެން ހަވާލުކުރެވުނު މަޝްރޫއުތަކެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ. އަދި ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް މަރުހަބާ ވެސް ދެންނެވިއެވެ.
"މިކަން މިވީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރާ ވަރަށް ގިނަ ދިވެހި ކުންފުނިތަކުގެ ފުރިހަމަ އެއްބާރުލުމާ އިތުބާރާއެކު، އެފަރާތްތަކުން އެކަމަށް ކުރިމަތިލާން ގަސްތުކޮށް، އެކަމަށް ކުރިމަތިލައްވާ، އަދި އެކަމުގައި ގާނޫނުތަކުގައި، ގަވާއިދުތަކުގައި ހުރި އިޖުރާއަތްތައް ވަރަށް ފުރިހަމައަށް ތަރުތީބުކޮށް ހުށަހަޅާ ކަންކަން ފުރިހަމަކުރުމުގެ ސަބަބުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ވެސް ވަރަށް ރަގަޅު ހިސާބަކަށް މިހާރު ގެންދެވިފައިވާ ކަމަށެވެ. ސަރުކާރު އައިއިރު އަނދަވަޅެއްގައި އޮތް އިގްތިސޯދު ކޮޅަށް ޖެހުނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުންކަން ވެސް ފާހާގަކުރެއްވިއެވެ.
"އިގްތިސޯދުގައި މި ބުންވަރު ނެތް ނަމަ މި ދުވަހެއް ނާންނާނެ. އިގްތިސޯދާ މެދުގައި، ސަރުކާރާ މެދުގައި ޕްރައިވެޓް ސެކްޓާގެ އިތުބާރު ނެތް ނަމަ މި ހިސާބަކަށް ނުގެނެވޭނެ. އެހެންވީމާ މި ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ އެއީ،" ރައީސް ވިދާޅުވި އެވެ.


ތަކެތީގެ އަގުތަށް އުފުލި ލިބޭ މުސާރަކޮޅު ބޮޑުނުވެ އަމިއްލަ ކުންފުނި ތަކުގަ އުޅޭމުއައްޒަފުން ހަނާވަނީ މިކަމަށް ވާހަކަދައްކާނެ ވެރިއެއްވެސް މިގައުމަށް ނުލިބުނު ވިޔަފާރިވެރިންނަށް އަޅުވެތި ނުވާވެރިއެއް ގަޓްމީހެއް ނުލިބުނު ބޯހިޔާވަހިކަމޭކިޔާފަ ތަނަވަަސްކިަން ހުރި މީހުންނަށް ފުލެޓްތައް ބަހަނީ