ތައުބާވެއްޖެ ކަމަށްބުނެ އަދީބު މަޢާފަށް އެދިއްޖެ
އެމްއެމްޕީއާރްސީގެ ފައިސާތަކަށް ޚިޔާނާތްތެރިވި ކަމަށާ އެކަމާ ގުޅިގެން އެންމެހާ ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
އަދީބު މިހެން ވިދާޅުވެފައި ވަނީ މިހާރު ކުރިއަށް ހިނގަމުންދާ ޝަރީޢަތުގެ މަޖިލީހުގައި، އަދީބުގެ އަދަބު ލުއި ކޮށްދެއްވުމަށް އިލްތިމާސް ކުރައްވަމުންނެވެ.
ޖަލުގައި މިހާތަނަން ހޭދަކޮށްފައިވާ ދުވަސްތަކާ އަދީބުގެ ޙާލަތު ހުރިގޮތުން ވެސް އަދީބު ވަނީ އެބޭފުޅާގެ އަދަބު އިތުރަށް ލުއި ކޮށްދިނުމަށް އެދިފައެވެ. އަދި މިކަމުގައި ޝާމިލުވީ އެންމެން އަދީބު ހިމެނޭ ގޮތަށް އިންސާފުގެ ކުރިމައްޗަށް ނެރުމަށް އަދީބު ވަނީ ގޮވާލާފައެވެ.
“މިކަމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ”
އަދީބު
ޝަރީއަތުގައި މަޖިލީހުގައި އަދީބު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވަމުންނެވެ. އެގޮތުން އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ މި މައްސަލަ ބެލޭނެ ހަމައެކަނި ސަރުކާރަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރު ކަމަށެވެ. އަދި މި ސަރުކާރުގެ ކޮމިޝަންތަކާއި ފުލުހުންނަށް އިތުބާރު އެބައޮތް ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.
ހަމައެއާއެކު ދައުލަތާ އިއުތިރާފު އެއްބަސްވުމެއް ހެދުމުން ވެސް އަދީބަށް ދެމުން އަންނަނީ ލުއި އަދަބުތަކެކެވެ. އަދި އެމްއެމްޕީއާރްސީ ގެ މައްސަލާގައި އަދީބު އިއުތިރާފު ވުމުން ވެސް އަދީބު ވަނީ ޖަލަށް ގެންދިއުމަށް ނިންމާފައެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ 7 ދައުވާ އަށް ވެސް އަދީބު އެއްބަސް ވުމުން، ކޯޓިގެ ގާޒީ ބޭނުންވީ ވަގުތުން ވަގުތަށް ހުކުން އިއްވާށެވެ. އެހެން ނަމަވެސް އަދީބުގެ ވަކީލުން ވަނީ މިއަދު ހުކުމް ކުރުމަށް އިންކާރު ކުރާ ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން އަދީބުގެ މައްޗަށް ހުކުމް ކުރުން އަންނަ ހޯމަ ދުވަހަށް ފަސްކުރެވިފައި ވާއިރު، އެދުވަހާ ހަމައަށް ވެސް އަދީބު ބަންދުގައި ބެހެއްޓުމަށް ގާޒީ ވަނީ އަމުރު ކުރައްވާފައެވެ. އަދި އަދީބުވެސް މިކަމާ ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.