ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ
ހުޅުމާލޭގެ ހުސްބިންތަކުގައްޔާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ގަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓައިފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މި މަހުގެ 6ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެކަމަށެވެ. މީގެ އިތުރުން އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައި ހުރި އުޅަނދުތައް ވެސް ނަގާނެކަމަށް އެ ޚިދުމަތުން ބުނެއެވެ.
ފުލުހުން ބުނީ އުޅަނދުތައް ޓޯވކޮށް ފުލުހުން ކަނޑައަޅާ ތަނަކަށް އެ ފަދަ އުޅަނދުތައް ގެންދިޔުމުގައްޔާއި ގެންގޮސް ބަހައްޓައިފައި ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަސް ފުލުހުން ޒިންމާ ނުވާނެކަމަށެވެ.
އެހެންކަމުން، ހުޅުމާލޭގެ ހުސްބިންތަކުގައްޔާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް ޑިސެމްބަރު 5 ވަނަ ދުވަހުގެ 23:30ގެ ކުރިން އެ ތަންތަނުން ނެންގެވުމަށް ފުލުހުން ވަނީ އެދިފައެވެ.

