ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން އައި 18 ބިދޭސީން ހައްޔަރުކޮށްފި
މާލޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ހުއްޓުވުމަށް ޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާއި ޓާސްކްފޯސް ގުޅިގެން ރޭ ހިންގި ރެއިޑު އޮޕަރޭޝަނެއްގައި، ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 18 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި ރެއިޑު އޮޕަރޭޝަންގައި މާލޭގެ ދިލްކުޝާގޯޅީގައި ހުރި، އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރ ކުރަމުންދިޔަ ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ. މީގެ އިތުރުން، ބިދޭސީން ދިރިއުޅެމުންދިޔަ 4 އެކޮމޮޑޭޝަން ބްލޮކް ވެސް ވަނީ ބަލައި ފާސްކޮށްފައެވެ.
އޮޕަރޭޝަނަށް ފަހު ޓާސްކްފޯސްއިން ހާމަކުރި ގޮތުގައި، މި ތަންތަނުގައި ގަވާއިދާ ޚިލާފަށް، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުންދިޔަ 18 ބިދޭސީއަކު ވަނީ ފާހަގަކުރެވިފައެވެ. މި އެންމެން ވެސް މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

