ހައްޤުގެ މަގު ދޫކޮށް ބާޠިލު ގޮތްތަކަށް ތަބާވާ މީހުންނަށް ނިކަމެތިކަން ލިބި އާޚިރަތުގައި ދާއިމީ އަޒާބަށް ހުށަހެޅިގެންދާނެ: ޚުތުބާ
މާތް ﷲ ގެ ކުޅަދުންވަންތަކަން، އެ ކަލާނގެ އުފައްދަވާފައިވާ ކޮންމެ މަޚްލޫޤަކުން ވެސް ފެނެއެވެ. ﷲ ގެ ކުޅަދުންވަންތަކަން ދައްކައިދޭ ވަރަށް ގިނަ ހެކިތައް އަހަރެމެންގެ ވަށައިގެން އެބަ ވެއެވެ. އެ ހުންނަ އުސް ފަރުބަދަ ތަކަކީ، ދުނިޔެ އެނބުރޭ އިރު ދުނިޔޭގެ ވަޒަން ހިފެހެއްޓުމަށް ވަރަށް މުހިއްމު އެއްޗެކެވެ. މި ފެންނަ އިރަކީ، އެއިން އަހަރެމެންނަށް އައްޔާއި، އަދި ބޭނުންވާ ހޫނާއި ހަކަތަ ލިއްބައިދޭ އެއްޗެކެވެ. މިނޫނަސް މިފަދަ އެތައްއެތައް ކަމަކުން ﷲ ތަޢާލާގެ ކުޅަދުންވަންތަކަން އަޅުގަނޑުމެންނަށް ހާމަވާން އެބަހުއްޓެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލައިފައި ވަނީ ﷲ ސުބްހާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމުގެ މައްޗަށެވެ. އެގޮތުން މުޅި ކާއިނާތު ހިނގަމުންދަނީ ﷲ ތަޢާލާ ލައްވާފައިވާ އިލާހީ ގާނޫނެއްގެ ދަށުން ކަމުގައި ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އެ ޤާނޫނަށް ސުންނަތޭ ވެސް ކިޔޭ ކަމަށާއި އަރަހުށި ހުސްތާހިރުވަންތަ ﷲ ތަޢާލާގެ ކަށަ ކުޅަދުންވަންތަވެރި ކަމާއި ބާރުވެރިކަން ވަނީ ހުދޫދެއްނެތި އެ ހުރިހާ ޤާނޫނުތަކެއް ފަހަނައަޅައި ގޮސްފައި ކަމުގައި ވެސް ސުންނަތުގައި ބުނެފައި ވެއެވެ.
ﷲ ތަޢާލާ ހައްދަވާފައިވާ ތަކެތީގެ ތެރޭގައި ބަނޑުލައި ލޫދެމުން ހިނގާ ތަކެއްޗާއި، ހަތަރެސްފައިން ހިނގާ ތަކެތި ވެސް ވާ ކަމަށާއި އިންސާނުންނަށް އެތަކެތިން ފައިދާ އާއި ގެއްލުން ވެސް ލިބޭ ތަކެތި ވާ ކަމުގައި ޚުތުބާގައި ބުނެފައި ވެއެވެ. އަދި އެއިން ކޮންމެ މަޚްލޫގަކާމެދު ވިސްނާލި ނަމަވެސް އެތަކެތި ހައްދަވާފައިވާ ފުރިހަމަ ކަމާއި އެތަކެތި ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމާއި، މާތްކަމާއި މަތިވެރިކަން ހިތަށް ވަދެގެންދާނެ ކަމުގައި ޚުތުބާފައި ވަނީ ބަޔާން ކޮށްފައެވެ.
މީގެ އިތުރުން ޚުތުބާގައި ބުނެފައިވަނީ އިންސާނާ ހަމައެކަނި އޭނާ ހެއްދެވުނު ގޮތާމެދު ވިސްނާ ފިކުރު ކުރި ނަމަވެސް، އޭނާގެ އީމާންތެރިކަން ވަރުގަދަވެ، ﷲ ތަޢާލާގެ ކުޅަދުންވަންތަވެރިކަން އޭނާގެ ހިތަށް ވަދެގެން ދާނެ ކަމަށެވެ.
ހަމައެހެންމެ މާތްﷲ އިންސާނާއަށް ބުއްދި ދެއްވި ކަމަށާއި އިންސާނާގެ ޚިދުމަތުގައި އެކަލާނގެ ހައްދަވާފައިވާ މަޚްލޫގުން ލެއްވި ކަމުގައި ޚުތުބާގައި ބުނެފައި ވެއެވެ. އަދި އަމާނާތްތައް އުފުލާ ބިން ތަޢްމީރު ކުރުމުގެ ޒިންމާ އިންސާނާއާ ހަވާލު ކުރެއްވި ކަމަށާއި ނަމަވެސް ބަޔަކު މީހުން އިސްލާމްވެ އަނެއް ބަޔަކު ކާފަރުވީކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
"ބިންމަތީގައި އުފެދުނު ކޯޅުމަކީ އީމާންތެރިކަމާއި ކާފިރުކަމާ ދެމެދު، ހިދާޔަތާއި އަނދިރިކަމާއި ދެމެދު އަދި ހައްގާއި ބާތިލާ ދެމެދު އުފެދުނު ދެބަސްވުމެއް ،މި ދެބަސްވުން ޤިޔާމަތާއި ޖެހެންދެން ދެމި އޮންނާނެ ،ހައްޤު މަތީގައި ތިބޭ މީހުން ޤިޔާމަތާއި ޖެހެންދެން ޡާބިތުކަން މަތީގައި ދެމިތިބޭނެ އަދި އެއުރެންނަށް ﷲ ތަޢާލާގެ ނަޞްރާއި މަދަދު ލިބޭނެ ، އަދި ހައްޤުގެ މަގު ދޫކޮށް ބާޠިލު ގޮތްތަކަށް ތަބާވާ މީހުންނަށް ނިކަމެތިކަން ،ލިބި، އާޚިރަތުގައި ދާއިމީ އަޛާބު އެއުރެންގެ މައްޗަށް ހުށަހެޅިގެންދާނެ" ޚުތުބާގައި ބުނެފައި ވެއެވެ.