މަސްތުވާތަކެއްޗާ އެކު 19 އަހަރުގެ ޒުވާނެއްގެ އިތުރުން 7 މީހަކު ހައްޔަރުކޮށްފި
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު 19 އަހަރުގެ ޒުވާނެއްގެ އިތުރުން 7 މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ޑިސެމްބަރު މަހުގެ 23ވަނަ ދުވަހު ހިންގި އޮޕަރޭޝަންތަކެއްގައި، މާލޭގެ 7 އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ތަކެތި ގެންގުޅެ، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ މއ. ގުލްބަކާގެ / މާލެ، އަޙްމަދު ޒިޔާން (48އ)، ހ. ބްލޫސްކޫޕް / މާލެ، ޒުހުރާ ޢަބްދުއްލަޠީފް (54އ)، މ. ދޮއްތަޑަފިގެ / މާލެ، އިސްމާޢީލް އައިކް މުޙައްމަދު (19އ)، ހ. ހުދުކެލާ / މާލެ، އިސްމާޢީލް ރަޝީދު (53އ)، މ. ރަނިކަ / މާލެ، ޙަސަން ޙަލީމް (42އ)، މ. ރަނިކަ / މާލެ، އާޝިޔާ ޙަލީމް (51އ)، މއ. އައިރީ / މާލެ، ޢަލީ އީވާން (43އ) އިތުރުން އެތުމާގެ / ގދ. ގައްދޫ، ޢާއިޝަތު ނަޘުމާ (44އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މ. ދޮއްތަޑަފިގެ / މާލެ، އިސްމާޢީލް އައިކް މުޙައްމަދު (19އ) 5 ދުވަހަށް އަދި ދެންތިބި 7 މީހުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ ކޯޓުން އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
