އައު އަހަރަށް ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް: އިޖުތިމާޢީ މިންގަނޑާ ޚިލާފުވާ ނަމަ ފިޔަވަޅު އަޅާނަން
އައު އަހަރަށް ފުލުހުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަން "ރިވެލި" ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ނެރެފައިވާ ބަޔާނެއްގައި ބުނީ، އައު އަހަރަށް ފުލުހުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަން "ރިވެލި"، އިއްޔެ ފަށައިފައިވާ ކަމަށާއި މި އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ގިނަ ޢަދަދެއްގެ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަމުން ދާނެކަމަށެވެ. އަދި މި އޮޕަރޭޝަނުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ވީސީޕީ ޤާއިމްކޮށް، މީހުންނާ ސުވާލުކުރުމާއި އުޅަނދުތައް ޗެކްކުރަމުންދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން މި އޮޕަރޭޝަނުގެ ތެރެއިން ޚާއްޞަ ސަމާލުކަމެއް ދީގެން ވައްކަމާއި ފޭރުން ހުއްޓުވުމާއި، ބަނގުރަލާއި މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކާއި ސައިލެންސަރު މޮޑިފައިކޮށް، އަޑުގަދަކޮށް އުޅަނދުތައް ދުއްވާފަރާތްތަކަށް ފާރަވެރިވާނެ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ހަމައެހެންމެ، އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އުޅޭ މީހުން ހުއްޓުވައި، ފިޔަވަޅު އަޅަންޖެހޭ ފަދަ ޙާލަތެއް ނަމަ، ފުލުހުންގެ ޤާނޫނުގެ ތެރެއިން ފިޔަވަޅުތައް އަޅާނެކަމަށް ވެސް ފުލުހުން ބުނެއެވެ.
ކޮންމެ އައު އަހަރަކާ ދިމާކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންގެ ޚިދުމަތުން އޮޕަރޭޝަންތައް ހިންގައެވެ.

