ދުނިޔެ

ސާޖަރީ ތެރޭގައި ކުއްޖަކު މަރުވުމާ ގުޅިގެން ޑޮކްޓަރު އަމިއްލައަށް މަރުވެއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކެރެލާ،އިންޑިއާ: ސާޖަރީއެއްގެ ތެރޭގައި ކުއްޖަކު ނިޔާވުމުން ސާޖަރީ ކުރި ޑޮކްޓަރު އަމިއްލައަށް މަރުވެއްޖެއެވެ.

Ads by Sosun Fihaara

ކެރެލާގެ ކޮއްލަމްގައި ހިނގި މި ހާދިސާގައި އަމިއްލައަށް މަރުވެފައި ވަނީ ޒުވާން ޑޮކްޓަރެއް ކަމަށްވާ އުމުރުން 35 އަހަރުގެ ޑރ.އަނޫޕް ކްރިޝްނަން އެވެ.

އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި ޑޮކްޓަރު މަރުވެފައި ވަނީ , ސާޖަރީ ކުރުމުގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކު މަރުވީ ޑޮކްޓަރުގެ އިހުމާލުން ކަމަށް މަރުވި ކުއްޖާގެ އާއިލާއިން ތުހުމަތުކޮށްފައި ވަނިކޮށެވެ. އަދި އެއާއިލާގެ މީހުން ވަނީ ހޮސްޕިޓަލްގެ ބޭރުގައި މުޒާހަރާ ވެސް ކޮށް ޑޮކްޓަރާ ދެކޮޅަށް މައްސަލަ ވެސް ހުށަހަޅާފައި ކަމަށް މީޑިއާތައް ބުނެފައި ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޑޮކްޓަރު ދަން ޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ އޭނާގެ ގެއިންނެވެ. މަރުވުމުގެ ކުރިން އޭނާ ވަނީ ނާރެއް ބުރިކޮށް ،ގޭގެ ފާޚާނައިގެ ފާރުގައި ލެއިން "ސޮރީ" އޭ ލިޔެފައެވެ.

ސާޖަރީގައި މަރުވި އުމުރުން 7 އަހަރުގެ އަންހެން ކުއްޖަކީ ހިތުގެ މައްސަލަތަކެއް ވެސް ހުންނަ ކުއްޖެކެވެ. އެކުއްޖާ ، ޑޮކްޓަރ އަނޫޕްގެ އަނޫޕް އޯތޯ ކެއާ ހޮސްޕިޓަލަށް ދިޔައީ ފައިގެ ކަށީގެ ފަރުވާ އަކަށެވެ. ހިތުގެ މައްސަލައެއް ހުރުމާއެކު އެހެން ހޮސްޕިޓަލްތަކުން އެކުއްޖާގެ ސާޖަރީ ކުރަން ދެކޮޅު ހެދި ނަމަވެސް ޑރ.އަނޫޕް ވަނީ އެކުއްޖާގެ ފައިގެ ކަށިގަނޑު ތެދު ކުރަން ސާޖަރީ ކުރަން ނިންމާ އެކަން ކުރިއަށް ގެންގޮސްފައެވެ. އެ ކުއްޖާ މަރުވެފައި ވަނީ ސާޖަރީގެ ތެރޭގައި ހާޓްއެޓޭކެއް ޖެހިގެންނެވެ.

ޑރ.އަނޫޕަކީ އެ ސަރަޙައްދުގެ އެންމެ ކުޅަދާނަ ކަށީގެ ޑޮކްޓަރު ކަމަށް އިންޑިއާގެ މީޑިއާތައް ބުނެއެވެ. ނަމަވެސް އަންހެން ކުއްޖާގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ސެޕްޓެމްބަރ 23 ގައި ކުރި މި ސާޖަރީގައި އެ ކުއްޖާ މަރުވެފައި ވަނީ ސާޖަރީ ކުރުމުގެ ކުރިން އައްސި ކުރުމުގެ ތެރޭގައި ޑޮކްޓަރަށް ހެދުނު ގޯހެއްގެ ސަބަބުން ކަމަށް ވެސް މީޑިއާތައް ބުނެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!