ހުޅުމާލޭގައި ހިންގާ ގެސްޓުހައުސްތަކަށް މަޢުލޫމާތުދިނުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި
ހުޅުމާލޭގައި ހިންގާ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް، މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މިއީ ޓޫރިސްޓް ޕޮލިހާއި ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޙަރަކާތެއް ކަމަށާއި މި ޙަރަކާތް ކުރިއަށް ގެންދިޔައީ ޑިސެމްބަރު 29ވަނަ ދުވަހު ކަމަށެވެ. އަދި މި ޕްރޮގްރާމަކީ ހުޅުމާލޭގައި ފަތުރުވެރިން ނިވާކަންކުޑަ ހެދުން އަޅައިގެން ބީޗުގައި އުޅޭ މައްސަލަ ހުއްޓުވުމަށް ގެސްޓުހައުސްތަކުގެ ވެރިން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގުނު ޕްރޮގްރާމެއް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ފަތުރުވެރިން ނިވާކަންކުޑަ ހެދުމުގައި މޫދަށް އެރުމާއި ބީޗުގައި ހަރަކާތްތެރިވުން އިތުރުވަމުން އަންނާތީ، އެކަން އެގޮތަށް ނުކުރުމަށް ފަތުރުވެރިންނަށް މައުލޫމާތު ދިނުމަށާއި، ބީޗުގައި އުޅޭއިރު އަގުބޮޑެތި މުދަލަށް ސަމާލުވުމަށް ފަތުރުވެރިންނަށް އަންގައިދިނުމަށް ވެސް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.
ހަމައެހެންމެ މި ދުވަސްވަރަކީ ހައި ސީޒަން ދުވަސްވަރަށްވުމާ އެކު ބުކިންގ ހެދުމުގައި އިތުރަށް ފަރުވާތެރި ވުމަށާއި ފަތުރުވެރިންނަށް ރަނގަޅު އިރުޝާދު ދިނުމުގެ އިތުރުން ފައިސާގެ މުޢާމަލާތްތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ވެސް ދުރާލައި ކުރުމަށާއި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް ވެސް ފުލުހުން ވަނީ މި ޕްރޮގްރާމުގައި އިރުޝާދު ދީފައިވެއެވެ.

