ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 3 މީހަކު ހައްޔަރުކޮށްފި
ރ. ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ޑިސެމްބަރު މަހުގެ 31ވަނަ ދުވަހު ދުވާފަރު ޕޮލިހާއި ކައުންޓަރ ނަކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ރ. މާކުރަތު / ގުލްފާމުގެ، ޢަބްދުﷲ ޙައްސާން (39އ)، ރ. ދުވާފަރު / އުޖާލާއަލި، ޢަބްދުﷲ ޝާއިފް (25އ)ގެ އިތުރުން ރ. ދުވާފަރު / މެހެލި، އިސްމާޢީލް މުޙައްމަދު (21އ) ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކުރެވުނު ދެ މީހުން ހައްޔަރުކުރެވުނީ ނ. ވެލިދޫއިން ދުވާފަރަށް މަސްތުވާތަކެތި ހިފައިގެން ލޯންޗެއްގައި އައިސް، ދުވާފަރު ފުއްޓަރު ފަރާތުން މޫދަށް ފައިބައި، ފަތާފައި ދުވާފަރަށް އަރަން އުޅުނު ވަގުތުކަމަށާއި އެ ތަނުން އެކަކު ފުލުހުން ފެނުމުން ފިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ދެން ހައްޔަރުކުރި މީހާ، ހައްޔަރުކޮށްފައި ވަނީ ދުވާފަރު މަގުމަތިން ކަމަށް ފުލުހުން ބުނެއެވެ.
ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުﷲ ޙައްސާނަށް ވަނީ ފަސް ދުވަހުގެ މުއްދަތެއް، އަދި އަނެއް ދެ މީހުންނަށް ވަނީ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

