ޚަބަރު

ދިގު މުއްދަތަކަށް ފަހު ދިވެހީން ފަލަސްތީނަށް އަރައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އިސްލާމިކް ޓުއަރސްގެ ތިން ޙަރަމް ޢުމްރާގެ ބައިވެރިން މިއަދު ފަލަސްޠީނަށް ވަދެ މަސްޖިދުލް އަޤްޞާއަށް ޒިޔާރަތްކޮށްފިއެވެ.

Ads by STELCO

އިސްލާމިކް ޓުއަރސްއިން ކުރަމުންގެންދާ ތާރީޚީ އާޘާރުތައް ބަލައިލުމުގެ ޘަޤާފީ ދަތުރުގެ ބައިވެރިން މިއަދު ފަލަސްޠީނަށް ދިޔައީ ޢުރުދުން (ޖޯޑަން)ގައި 4ދުވަހު ތިބުމަށް ފަހުއެވެ. މި ދަތުރުގެ ބައިވެރިން ފަލަސްޠީނުގައި 4ދުވަހު ތިބުމަށް ފަހު ދެން ދަތުރުކުރާނީ މިސްރަށް ކަމަށް އިސްލާމިކް ޓުއަރސްގެ ޑިރެކްޓަރ އަދި ދީނީ އިސް މުސްތަޝާރު އައްޝައިޚް މުޙައްމަދު އަފްޟަލް ވިދާޅުވިއެވެ.

"ޖަނަވަރީ އެކެއްގައި ރާއްޖެއިން ފުރައިގެން އަޅުގަނޑުމެން ފުރަތަމަ ދިޔައީ ޢުރުދުނަށް. އެ ތަނުގައި ހުރި ތާރީޚީ އާޘާރުތަށް ބަލައިލުމަށް ފަހު މިހާރު މި ތިބީ ފަލަސްޠީނުގައި، الحمد لله. ތިން ރޭ ހަތަރު ދުވަސް މި ތަނުގައި ތިބެފައި ދެން އިރާދަކުރެއްވިއްޔާ ދާނީ މިޞުރަށް، މިޞުރުން ދެން ސަޢޫދީ ޢަރަބިއްޔާއަށް!" ޝައިޚް އަފްޟަލް ވިދާޅުވިއެވެ.

އިސްލާމިކް ޓުއަރސްގެ މި ދަތުރަކީ ފަލަސްޠީނު މަގުން ތިން ޙަރަމް ހިމެނޭހެން ޢުމްރާއެއް ވުމަށް ދިވެހީން ކުރަމުންދިޔަ ދިގު އިންތިޒާރަކަށް ފަހު ލިބުނު ވަރަށް އުފާވެރި ފުރުޞަތެކެވެ. މި ދަތުރުގައި ޢުރުދުނާއި މިސްރުން ފެންނަން ހުރި އާޘާރުތައް ބަލައިލަން ލިބޭ ކަމީ ދަތުރަށް ލިބޭ އިތުރު ފުރިހަމަކަމެއްގެ ގޮތުގައި ދަތުރުގެ ބައިވެރިން ފާހަގަކުރެއެވެ. އެ ގޮތުން ކަހަފް ބާގައިގެ މީހުން ނިދާފައި ތިބި ހޮހޮޅައާއި ޞަލާހުއްދީން ޢައްޔޫބީ ބިނާކުރެއްވި އަޖްލޫން ކިއްލާއާއި ލޫޠުގެފާނުގެ ޤައުމު ބަންޑުން ޖައްސަވައިލެއްވި ސަރަޙައްދާއި ބަނީ އިސްރާއީލުންނަށް ދެއްވަން، ﷲވަޢުދުވެ ވަޑައިގެންނެވި ބިން މޫސާގެފާނަށް ފެނިވަޑައިގެންނެވި އިރު އެކަލޭގެފާނު ހުންނެވި ފަރުބަދައާއި މި ނޫން ވެސް އިތުރު ތަންތަނަށް މި ދަތުރުގައި ޒިޔާރަތްކޮށްފައި ވެއެވެ.

މިސުރުގެ ޕިރަމިޑުތަކަށާއި، މާތް ﷲގެ ކޯފާ ޙައްޤުވެ ޣަރަޤުވެގެން ދިޔަ ފިރުއަޢުނުގެ ހަށިގަނޑު ބަލައިލުމާއި މޫސާގެފާނަށް ތައުރާތު ބާވައިލެއްވުމަށް، އެކަލޭގެފާނު ގެންދެވުނު ފަރުބަދައަށް ވެސް މިސްރުގައި ޒިޔާރަތްކުރުމަށް ހަމަޖެހިފައި ވެއެވެ.

އިސްލާމިކް ޓުއަރސުން މަޢޫލޫމާތު ދޭ ގޮތުގައި މިފަދަ ދަތުރެއް ރޭވުމުގެ ބޭނުމަކީ ރާއްޖޭގައި ތިބެގެން ދަރުސްތަކުން ދަސްކުރާ ފިލާވަޅުތަކާއި ލިބޭ ތާރީޚީ މަޢުލޫމާތުތަކުގެ އަސްލު ހާދިސާ ހިނގައިފައިވާ ތަންތަނަށް ދިވެހިން ގެންގޮސްދިނުމެވެ. އަދި ހަމައެހެންމެ އެ ތަންތަން ލޮލުން ދެކެ އަތުން ހިފައި އަމިއްލަ މީހާއަށް ޢަމަލީ ތަޖުރިބާކޮށްލުމުގެ ފުރުޞަތު ހުޅުވައިލަދިނުމެވެ. އަދި މި ކަންކަމުގެ ސަބަބުން ދީނީ ރޫޙު ހިތްތަކުގައި އާލާކޮށްދިނުމެވެ. އަދި ރޫޙާނީ ދުޅަހެޔޮކަމެއްގައި މީހާ ހުރެގެން ޢުމްރާއެއްވެ، އިޚްލާޞްތެރިކަމާ އެކު ތައުބާ ވުމަށް ދޮރުހުޅުވައި ދިނުމެވެ.

މި ދަތުރުތަކުގައި އެންމެ އިސްކަމެއް ދެއްވައިފައި އޮންނާނީ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި އިސްލާމިކް ޓުއަރސްގެ މެނޭޖިން ޑިރެކްޓަރ ޙަސަން ސިނާން ބުނުއްވިއެވެ. ސިނާނު ބުނުއްވި ގޮތުގައި، މިއަދު ދުނިޔޭގެ ސިޔާސީ މަސްރަޙަށް ބަލާއިރު މެދު އިރުމަތި ފެންނަނީ ވަރަށް ހަލަބޮލިވެފައި އޮއްވައެވެ. އެހެންކަމުން ދަތުރުތަކުގެ ބައިވެރިންނަށް އެއްވެސް ތަކުލީފެއް ނުޖެހޭ ވަރަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފައި ވެއެވެ. އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުމާއި ޤައުމުތަކުން ނަގަން ޖެހޭ ވިސާ ނެގުމާއި ކޮންމެ ދަތުރަކަށް އެ ޤައުމަކުން ޓުއަރ ގައިޑެއް ހަމަޖެއްސުން ފަދަ ކަންކަން ރާއްޖެއިން ފުރުމުގެ ކުރިން ހަމަޖައްސާފައި ވާނެ ކަމަށް ވެސް ސިނާނު ބުނުއްވިއެވެ.

އިސްލާމިކް ޓުއާރސްގެ މަޤްޞަދަކީ ދުނިޔޭގައި ފެންނަންހުރި އިސްލާމީ އާޘާރުތަކާ ހަމައަށް އަމާންކަމާއި ސަލާމަތްކަންމަތީ ދިވެހިން ގެންގޮސްދިނުމެވެ. އަދި އެމީހުންގެ ދަތުރުގައި ދުޅަހެޔޮ ޞިއްޙަތައި ޢާފިޔަތުގެ މަތީ ތިބެވޭނެހެން ދިވެހިންނަށް ފަސޭހައިން ތިބެވޭނެ ގޮތާއި އެ ތަންތަނުން ކެއުންބުއިމުގެ އިންތިޒާމު ރަނގަޅުގޮތުގައި ހަމަޖައްސައިދިނުމެވެ.

މިފަދަ އިތުރު ދަތުރުތައް އަދިވެސް ކުރިޔަށް ހުރި ކަމަށާއި ހުރިހާ ދިވެހިންނަށް މި ދަތުރުތަކަށް މަރުޙަބާ ކިޔާކަމަށް އިސްލާމިކް ޓުއަރސުން ބުނެއެވެ.

"އަޅުގަނޑުމެންގެ ދަތުރުތަކާއި އެހެނިހެން ހަރަކާތްތައް ބެއްލެވުމަށް، އަޅުގަނޑުމެންގެ މީސްމީޑިއާ މަންސަތަކަށް ފޮލޯކޮށްލައްވާ" އިސްލާމިކް ޓުއަރސްގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ސިނާނު ބުނުއްވިއެވެ.

  1. ފުއާދު

    ސުރުޚީކިޔައިލުމުން ހީވީ ދިވެހިން ފަލަސްތީނަށްއަރާ އެތަން ހިސޯރުކޮށްފިހެން ނޫންންތަ!

    • އަހްމަދު

      ފައިސާ ހުރިއްޔާ ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ދެވިދާނެ.