ޚަބަރު

ބަނގުރާ ބޮއެގެން ދީނަށް ފުރައްސާރަ ކުރިއިރު މި އިންޑިއާ ޝައިޠާނު ގައިގަ އަތްލުން މަނަލީތޯ؟: ޢަލީ ރަމީޒު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރޭ މާލޭ މަގުމަތީގައި ބަނގުރާ ބޮއެގެން ހުރި އިންޑިއާ މީހަކު މާތް ވެގެންވާ އިސްލާމްދީނަށާއި މާތް ﷲ އަށް ފުރައްސާރަކުރުމުން އޭނާއަށް އެއްވެސް ފިޔަވަޅެއް ފުލުހުން ނޭޅުމުން، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by Hajj Corporation

ްއެމީހާ އިސްލާމްދީނަށާއި މާތް ﷲ އަށް ފުރައްސާރަކުރިއިރު ވެސް ކައިރީގައި ބަލަން ހުރި ވީޑިއޯ އެއް ހިއްސާ ކުރަމުން ޢަލީ ރަމީޒު ކުރި ޓްވީޓެއްގައި އަހާފައި ވަނީ ފުލުހުން އެފަދައިން ބަލަން ތިބީ ކޮން ހިސާބަކުން އޯޑަރު އަންނަންދެންތޯ އެވެ.

"ބަނގުރާ ބޮއެގެން ދީނަށް ފުރައްސާރަކޮށް، ރާއްޖޭގެ ޤާނޫނަށް އޭތިމީތި ގޮވާއިރު މި އިންޑިއާ ޝައިޠާނު ގައިގަ އަތްލުން މަނަލީތޯ؟" ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓު ޓެގް ކުރަމުން ޢަލީ ރަމީޒު ސުވާލު ކޮށްފައިވެއެވެ.

މަސްތުގެ ހާލުގައި ހުރެ ދީނަށް ފުރައްސާރަކުރި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ ވިދާޅުވީ މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅުނު ބިދޭސީ މީހާގެ މައްސަލަ ފުލުހުން ދަނީ ބަލަމުން ކަމަށާ އެމައްސަލައާ ގުޅިގެން ރޭގައި އޭނަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަަށް ގެންދިޔުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައި ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ އެމައްސަލައިގައި ބަލަނީ ހަމައެކަނި ދީނަށް ފުރައްސާރަ ކުރުން ނޫންކަމަށާއި އޭނާ މަސްތުގެ ޙާލަތުގައި އާއްމު ތަނެއްގައި ހުރެ ހިނގައިދިޔަ ހުރިހާ ކަމަކަށް ވެސް ފުލުހުންގެ ތަހުގީގުގައި ރިޢާޔަތްކޮށް ޖިނާއީ ގޮތުން ބަލަންޖެހޭ އެންމެހާ ކަންކަން ފުލުހުން ބަލަމުން ދާނެ ކަމަށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!