ލައިފްސްޓައިލް

މިއޮތީ ރޯދަ މަހު ބަރުދަން ލުއި ކޮށްލާނެ ގޮތް!

ކުރިއަށް މިއޮތީ ރޯދަ މަހެވެ. އެހެން އަހަރުތައް ފަދައިން މި އަހަރުގެ ރޯދަ މަހު ވެސް ހަށިގަނޑުގެ ބަރުދަން އިތުރު ވާނެތީ އެކަމާ ވިސްނާ ، ފިޔަވަޅު އަޅަން ތައްޔާރަށް އެތައް ބަޔަކު ތިބޭނެކަން ޔަގީނެވެ.

ރޯދަ މަހުގެ ދުވާލުގެ ވަގުތު ނުކައި ނުބޮއެ ތިބުމުން ބަރުދަން ލުއިވާނެ ކަމަށް ހީކުރިޔަސް ވަރަށް ގިނަ މީހުންނަށް ދިމާވަނީ މީގެ އިދިކޮޅަށެވެ. ބަރުދަން ވަނީ އިތުރެވެ. ދުވާލު ނުކައި ތިއްބަސް، ރޭގަނޑުގެ ވަގުތުގައި ކާ ތަކެއްޗާއި ކާމިންވަރު އެހެން މަސް މަހަށް ވުރެ އިތުރުވަނީ ކަމަށް ވެދާނެ އެވެ.

ރޯދަ މަހު ބަރުދަން ލުއިކޮށްލަން ބޭނުންވާ ނަމަ މި ކަންތައްތަކަށް ސަމާލުކަމެއް ދޭށެވެ.

ހާރަކީ ދުވަހުގެ ފެށުމެވެ. މުޅި ދުވަހު ނުކައި ހުންނަން ޖެހުމާއެކު މުޅި ދުވަސް ބިނާވެފައި އޮންނަނީ ހާރުގެ މައްޗަށެވެ. އެހެން ކަމުން ހާރު ކެއުމަކީ މުހިންމު ކަމެކެވެ.ގަދަ ވެގެންވާ ސުންނަތެކެވެ. ހާރު ނުކައި ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ހާރު ނުކައި ރޯދަޔަށް ހުރެފި ނަމަ ރޯދަ ވީއްލާ ވަގުތު މާގިނައިން ކެވޭ ގޮތް މެދުވެރިވެ އެވެ.
ހަމައެހެންމެ ހާރު ކެއުމުގައި ސިއްހަތަށް ފައިދާހުރި ބާވަތްތައް ހިމެނުން ވެސް މުހިންމެވެ. ހާރު ކެއުމުގައި ކާބޯހައިޑްރޭޓްސް ހުންނަ ކާނާ ބޭނުން ކުރާށެވެ. އެއީ ދުވާލު ބަނޑުހައިވުން ކުޑަކުރުމަށާއި ލޭގައި ގުލްކޯޒްގެ މިންވަރު އެއް ހަމައެއްގައި ހިފެހެއްޓުމަށް އެހީއެއްގެ ގޮތުންނެވެ.

ރޯދައަށް ހުންނައިރު ކަންނެތް ކަންމަތީ އުޅުމަކީ ގިނަ ބައެއްގެ އާދައެވެ. ދުވާލު ހަތަރު ނިދުމުގައި ނުވަތަ އޮށޯވެ އޮވެ ޓީވީ ބެލުމުގައި ވަގުތު ހޭދަކުރެއެވެ. ކޮންމެ ދުވަހަކު ވެސް އާންމުކޮށް ކޮށް އުޅޭ މަސައްކަތްތައް ކޮށްލުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ހަށިގަނޑު ގަދަ ހޫނުން ރައްކާތެރި ކުރަންވާނެއެވެ. ނޫންނަމަ ހަށިގަނޑުން މާ ބޮޑަށް ފެންމަދުވުމަކީ ވެދާނެ ކަމެކެވެ. އަދި މީގެ އިތުރުންވެސް ރޯދަ ވީއްލުމަށް ފަހު ބައި ގަޑިއެއްހާއިރު ފަހުން ލުއި ކަސްރަތެއް ކޮށްލާށެވެ. އަޅުކަމަށް އިތުރަށް އިސްކަން ދޭން ޖެހޭ މަހަކަށް ވުމާއެކު ވަގުތު ނުވާނަމަ ތަރާވީޙް ނަމާދުގެ ފަހުން ނަމަވެސް މިކަން ކޮށްލާށެވެ.

ރޯދަޔަށް ހުރުމުން ހަށިގަނޑުގެ މެޓަބޮލިޒަމް ދަށަށް ދާނެ އެވެ. އެހެންވެ ހަށިގަނޑަށް ހަކަތަ ދިނުން ވެސް މަޑުޖައްސާލަން ޖެހެއެވެ. ރޯދަ ވީއްލާ ވަގުތަކީ މުޅި ދުވަހު ނުކައި ނުބޮއެ ހުރި ހުރުން ފުރިހަމަކޮށްލާ ވަގުތަކަށް ނުހަދާށެވެ. ދުވަހުގެ ފާއިތުވި ވަގުތު ނުކައި ހުރިކަން ހަނދާން ނައްތާނުލައި އާންމުކޮށް ކާ ވަގުތެއްގައި ކައިއުޅޭ މިންވަރަށް މިންވަރަށް ހަމަޖެހިލައިގެން ކާށެވެ.

ލުއި ގޮތަކަށް ރޯދަ ވީއްލުމަށް އޮތް އެންމެ ފަސޭހަގޮތަކީ ކަދުރުން ރޯދަ ވިއްލުމެވެ. ކަދުރަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ ވަރަށް ފަސޭހައިން ލިއްބައިދޭ އެއްޗެކެވެ. އޭގެ ފަހުން ކުޑަ އެތިކޮޅުކޮޅުން ކާށެވެ. ކާބޯހައިޑްރޭޓްސް ގިނަ ކާނާއާ ދުރުހެލިވެ ރޯދަ ވިއްލުމުގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް އިތުރުކުރާށެވެ.

ރޯދަ މަހު ގިނަ މީހުނަށް އެންމެ އުނދަގޫ އެއް ކަމަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުމެވެ. ހަށިގަނޑަށް ބޭނުންވާ އަށް ތަށި ފެން ހަށިގަނޑަށް ފޯރުކޮށްދިނުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. ހާރު ކާ ގަޑިީގައި ދެ ތަށި ފެން، ރޯދަ ވީއްލާ ގަޑީގައި ދެ ތަށި ފެން އަދި އެ ދެމެދުގައި 4 ތަށި ފެން ބޮއެގެން އަށްތަށި ފެން ހަމަކޮށްލެވިދާނެއެވެ. އަދި ރޭގަނޑު ގިނައިން ފެން ބުއިމަކީ މާގިނައިން ފޮނިތަކެތި ކާހިތްވުން ކޮންޓްރޯލް ކުރުމަށް ވެސް މުހިންމު ކަމެކެވެ.

ރޯދަމަހު ބަރު ވާ ސަބަބުތަކަށް ބަލާއިރު ރޯދަ ވިއްލާ ގަޑީގައި ބޭނުންްކުރާ ، ހަކުރުން ފުރިފައި ހުރި ޖޫސްތަކާއި ފޮނި ކާތަކެތި ބޮޑު ރޯލެއް އަދާކުރެއެވެ. ނަމަވެސް ބަރުދަން ލުއި ކުރަން ބޭނުން ނަަމަ ރޯދަމަހަކީ ތަރުކާރީ އާއި މޭވާ ގިނައިން ބޭނުންކުރާ މަހަކަށް ހަދަން އަޒުމު ކަނޑައަޅާށެވެ. އަދި ޕްރޮސެސްކޮށްފައި ހުންނަ ކާނާއާއި ގިނައިން ތެޔޮ އެކުލެވޭ ކާނާ އާއި ދުރުވާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!