800 މިލިޔަން މީހުންނަށް ކޮވިޑް ޖެހިފައި ހުރެދާނެ: ޑަބްލިއުއެޗްއޯ

ދުނިޔޭގެ އާބާދީގެ ކޮންމެ ދިހަ މީހަކުން އެކަކަށް ކޮވިޑް-19 ޖެހިފައި ހުރެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ. މިއާއެކު މިބަލި ޖެހުނު ކަމަށް ޑަބްލިއުއެޗްއޯ އިން އަންދާޒާ ކުރާ މީހުންގެ އަދަދު 800 މިލިޔަނަށް އަރައެވެ.
ޑަބްލިޔުއެޗްއޯގެ ޓޮޕް އެމަރޖެންސީ އެކްސްޕަރޓް މައިކް ރިޔާން ވިދާޅުވީ، ކޮވިޑް ޖެހުނު ކަމަށް ރިކޯޑް ކުރެވުނު އަދަދު 35 މިލިޔަނުގައި ހުރި ނަމަވެސް، މިހާރުގެ އަންދާޒާތަކަށް ބަލާއިރު ދުނިޔޭގެ އާބާދީގެ 10 އިންސައްތަ މީހުންނަށް ވާނީ ވައިރަސް ޖެހިފައި ކަަމަށެވެ. އެހެންނަމަވެސް އެކި ގައުމުތަކުގައި މިއަދަދު ތަފާތުވާނެ ކަމަށް މައިކް ވިދާޅުވިއެވެ. އަދި ކުރިއަރާފައިވާ ގައުމުތަކާއި ހިސާބުތަކާއި އަދި ފަގީރު ހިސާބުތަކުގައި ވެސް މި އަދަދުތައް ތަފާތުވާނެ ކަމަށް މައިކް ވިދާޅުވިއެވެ.
މިހާތަނަށް ދުނިޔޭގެ 10 އިންސައްތަ މީހުންނަށް މިބަލި ޖެހިފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން އަންދާޒާކޮށްފައިވާއިރު، މީގެ މާނައަކީ ދުނިޔޭގެ އާބާދީގެ ބޮޑު ބަޔެއް އަދިވެސް އޮތީ މި ވައިރަސްގެ ނުރައްކަލުގެ ތެރޭގައި ކަމެވެ. އެއީ މި ބަލި ނުޖެހޭ 90 އިންސައްތަ މީހުން ދުނިޔޭގައި އުޅޭތީއެވެ.
ދުނިޔޭގައި ކޮވިޑް ޖެހިގެން މިހާތަނަށް 1,046,073 މީހުން މަރުވެފައިވާއިރު، މިހާތަނަށް 35,709,549 މީހުންނަށް މިބަލި ޖެހިފައިވާ ކަމަށް ރިކޯޑް ކުރެވެއެވެ. މިހާރު މިބައްޔަށް 7,785,319 މީހަކު ދުނިޔޭގައި ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން 66,879 މީހުންގެ ހާލު ސީރިއަސް އެވެ.