ގޭގެ ބިއްދަށް ސާފުކުރުމުގައި ފެނުނީ އައު ވައްތަރެއްގެ މަކުނެއް
އޮސްޓްރޭލިއާގައި ދިރިއުޅޭ އަންހެނެއް ކަމަށްވާ "އަމަންޑާ ޑި ޖޯރޖް" ނަކަމަށް ކިޔާ އަންހެނަކަށް އާދަޔާ ޚިލާފު ރީތި މަކުނެއް ފެނިއްޖެއެވެ.
އަމަންޑާއާ ހަވާލާދީ މީޑިއާތައް ބުނެފައި ވަނީ އެހެން މަކުނުތައް ފެނުމުން ހަޅޭ ލަވައި ބިރުން ދުވި ނަމަވެސް މި މަކުނަކީ އެއަށްވުރެ މާ ރީތި އާދަޔާ ޚިލާފު ސިފަތަކެއް ލިބިގެންވާ މަކުނެކެވެ. އެހެންކަމުން ބިރުން ދުވުމުގެ ބަދަލުގައި އޭނާ ބޭނުންވީ އެމަކުނު ނެގުމަށެވެ.
އެގޮތުން އެހެން މަކުނުތަކާއި ޚިލާފަށް މި މަކުނުގައި 8 ލޯ ހުންނައިރު މި މަކުނުގެ ކުލައަކީ ނޫ ކުލައެވެ. ހަގީގަތުގައި ވެސް ނޫކުލައިގެ އެހެން މަކުނެއް ނުފެނެއެވެ. އަދި ހަމައެހެންމެ ނޫކުލައަކީ ވެސް އޭގެ ޒާތުގައި ރީތި ކުލައެކެވެ. މި މަކުނަކީ އަމަންޑާ އަށް އާދަޔާ ޚިލާފު ގޮތަކަށް ފެނުނު ފުރަތަމަ ދިރޭ ސޫތްޕެއް ނޫނެވެ. ބޭރުގެ ޚަބަރުތަކުން ބުނާ ގޮތުގައި އަމަންޑާ އަށް މީގެ ކުރިން ވެސް ވަނީ އުފެދުމުގައި ވެސް އެއް ލޯ މަދުކޮށް ހުންނަ ޖަނަވާރެއް ހޯދާފައެވެ.
އެމެންޑާ އަށް ފެނުނު މި އައު ވައްތަރުގެ މަކުނަށް ކިޔާ ނަމަކީ "ޖޮޓަސް ބްރަޝްޑް ޖަމްޕިންގް ސްޕައިޑާ" އެވެ. އޭނާ ބުނި ގޮތުގައި އެއްވެސް ވަރަކަށް އޭނާ އަށް މިފަދަ އާދަޔާ ޚިލާފު ދިރޭ ސޫތްޕެއް ފެންނާނެ ކަމަކަށް އުއްމީދެއް ވެސް ނުކުރެއެވެ. އަދި އެފަދަ އެއްޗެއް ހޯދުމުގެ ނިޔަތެއް ވެސް އޭނާގެ ނެތެވެ. މިހެންވެ އެއްވެސް ވަރަކަށް މިފަދަ އެއްޗެއް ފެންނާނެ ކަމަށް ހީނުކޮށް ހުއްޓާ އެފަދަ ޖަނަވާރެއް ފެނުމުން އެވާ އުފަލާއި ލިބޭ ހިތްހަމަ ޖެހުމަކީ އަދި ވަކި އިހުސާސެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އެމެންޑާ އަށް މި މަކުނު ފެނުނީ ގޭގެ ބިއްދަށް ފަރާތް ސާފުކުރުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިންނެވެ. އަދި ފެނުމާއިއެކު އޭގެ ފޮޓޯއެއް ނެގުމަށްފަހު ސޯޝަލް މީޑިއާގައި އާންމު ކުރި ހިސާބުން ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯއަށް ލިބިގެން ދިޔަ ކަމަށްވެސް އޭނާ ހާމަކޮށްފައި ވެއެވެ. އޮސްޓްރޭލިއާގެ މިއުޒިއަމް ހުޅުވުނު އަވަހަކަށް އާންމުންނަށް އެ މަކުނާ ބެހޭ ގޮތުން މައުލޫމާތު ދޭ ގޮތަށް ހަމަ ޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.