މިއޮޑިއެއް ނުފެތޭނެ، ރައްޔިތުންނަށް ހެޔޮގޮތް ހޯދައި ދެވޭނެ: ރައީސް ނަޝީދު

ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ އޮޑިއެއް ނުފެތޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި މިއަދު ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޓްވީޓެއް ރީޓްވީޓް ކުރައްވަމުން މަޖިލިސް ރައީސް ވިދާޅުވީ ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެނެވޭނެ ކަމަށެވެ.
"ﷲ އިރާދަފުޅުން އަޅުގަނޑުމެންގެ މިއޮޑިއެއް ނުފެތޭނެ. އަޅުގަނޑުމެންނަށް ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެނެވޭނެ. ރައްޔިތުންނަށް ހެޔޮގޮތް ހޯދައި ދެވޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ރައީސް ޞާލިޙާއި ރައީސް ނަޝީދު ބައްދަލު ކުރެއްވީ މުލިއާގޭގައެވެ. މިބައްދަލު ކުރެއްވުމުގައި ކޮވިޑް-19 އާއި އިޤްތިސާދީ ދަތިކަމުން ސަރުކާރާއި މަޖިލިސް އެކީގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިކަމަށް ރައީސް ޞާލިޙު ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.