އޭޑީއެޗްޑީ ކުދިންނަށް ދޭ ބޭސް ރާއްޖެ އެތެރެކުރަން މަޖިލީހުން ފާސްކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ގޮތަށް، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލަށް ބަދަލުގެނެސް، އެޓެންޝަން-ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ (އޭޑީއެޗްޑީ) ތަޙައްމަލުކުރާ ކުދިންނަށް އަމާޒުކޮށްގެން ދޭ މުހިންމު ފަރުވާއެއް ކަމަށްވާ 'މެތަލްފެނެޑޭޓް' ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާޤުން ފާސްކޮށްފިއެވެ.
މަނާކުރެވިފައިވާ ބޭސްތަކުގެ ލިސްޓުން މި ބޭސް އުނިކުރުމުގެ މައްސަލަ ދިރާސާކޮށްފައިވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިންނެވެ. މި ބަދަލު ގެނައުމަށް ސަރުކާރުން ނިންމެވީ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފާގެ މަތިންނާއި ވަޒީރުންގެ މަޖިލީހުގައި މިކަމާމެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ކޮމިޓީގެ ހުރިހާ މެންބަރުންގެ ތާއީދާއެކު އެކުލަވާލި ރިޕޯޓު ތަޅުމަށް ހުށަހެޅުމުން، މި ބަދަލު ފާސްވެގެން ދިޔައީ ޖަލްސާގައި ތިއްބެވި ހުރިހާ މެންބަރުންގެ ވެސް ފުރިހަމަ އަޣުލަބިއްޔަތުންނެވެ. މިއާއެކު، ޒަމާނުއްސުރެ ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނިފައި އޮތް މި ބޭސް، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޢާއްމުންނަށް ލިބޭނެ މަގު މިވަނީ ތަނަވަސްވެފައެވެ.
ތުއްތުއިރު ދިމާވާ ނަފްސާނީ އަދި ހެދިބޮޑުވުމުގެ މައްސަލައެއް ކަމަށްވާ އޭޑީއެޗްޑީއަކީ ގިނަ ކުދިންނަށް ކުރިމަތިވާ ޙާލަތެކެވެ. ޞިއްޙީ މާހިރުން ބަޔާންކުރައްވާ ގޮތުގައި 'މެތަލްފެނެޑޭޓް' އަކީ މި ބައްޔަށް ދެވޭ އެންމެ ފުރަތަމަ ފަންތީގެ ފަރުވާއެވެ. ތަޖުރިބާކާރުންގެ އިރުޝާދާއެކު ދެވޭ ތެރަޕީތަކާއި މި ފަދަ ބޭސްތައް ގުޅުވައިލުމުން، ބަލީގެ އަސަރުތައް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާކަން ޢިލްމީ ދިރާސާތަކުން ކަށަވަރުކޮށްދެއެވެ.