ރައްޔިތުންގެ ޒާތީ މަޢުލޫމާތު ހިމާޔަތްކުރުމަށް ސަރުކާރުން އެކުލަވާލި ބިލު މަޖިލީހަށް ފޮނުވައިފި
ދިވެހިރާއްޖޭގައި އާންމު ރައްޔިތުންގެ ޒާތީ މަޢުލޫމާތު އެއްކޮށް، ގެންގުޅެ އަދި ރައްކާތެރިކުރުމަށްޓަކައި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ވުޖޫދަށް ގެނައުމުގެ ބޭނުމުގައި، ސަރުކާރުގެ ފަރާތުން "ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި މުހިންމު ބިލު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައިދެއްވީ ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު އަލީ އިބްރާހީމެވެ. މި ބިލުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ، ޑޭޓާގެ ވެރިފަރާތުގެ ޙައްޤުތައް ކަށަވަރުކޮށްދީ، މަޢުލޫމާތު ނަގާ އަދި ބޭނުންކުރާ ފަރާތްތަކުގެ މައްޗަށް ހަރުކަށި އުސޫލުތަކެއް ކަނޑައަޅައި އެފަރާތްތައް ޖަވާބުދާރީ ކުރުވުމެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުގެ މުއައްސަސާތަކަށާއި ބައިނަލްއަޤްވާމީ ފަރާތްތަކަށް ޑޭޓާ ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭނެ މިންގަނޑުތައް ވެސް މި ބިލުގައި ތަފްޞީލުކޮށްދީފައިވެއެވެ. އަދި ކުއްލި ހާލަތެއްގައި ނުވަތަ ޑޭޓާ ލީކުވުން ފަދަ ކަމެއް ދިމާވެއްޖެނަމަ، މަޢުލޫމާތު ގެންގުޅޭ ކުންފުނިތަކުން ނުވަތަ އިދާރާތަކުން އަމަލުކުރަންޖެހޭނެ އިޖުރާއަތުތައް ވަރަށް ސާފުކޮށް މި ޤާނޫނުގައި ލިޔެފައިވެއެވެ.
މި ޤާނޫނު ތަންފީޒުކޮށް ރެގިއުލޭޓްކުރުމުގެ އެންމެހާ ބާރުތައް ދިނުމަށް ހަމަޖެހިފައިވަނީ "ޕްރައިވަސީ ކޮމިޝަނަރު" އަށެވެ. ބިލުގައި ކަނޑައަޅާފައިވާ ގޮތުން، މި އައު މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރައް ވާނީ މިހާރު ވެސް ހުންނެވި އިންފޮމޭޝަން ކޮމިޝަނަރެވެ.
ހަމައެހެންމެ، ބޮޑެތި ޑޭޓާތައް ކޮންޓްރޯލްކޮށް ޕްރޮސެސްކުރާ ފަރާތްތަކުން އެތަންތަނުގައި ޚާއްޞަ 'ޑޭޓާ ޕްރޮޓެކްޝަން އޮފިސަރެއް' އައްޔަންކުރުން ލާޒިމުކުރާ ހާލަތްތަކާއި އެފަރާތްތަކުން ރެކޯޑުތައް ބަލަހައްޓަންޖެހޭނެ ގޮތްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.