މަސްތުވާތަކެތި ޓްރެފިކް ކުރާ ކަމުގެ ތުހުމަތުގައި ޒުވާން އަންހެނަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ޒުވާން ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ގ. ނާޝިދުވިލާ / މާލެ، ފާތިމަތު ޝާހާ އިބްރާހީމް (22އ)އެވެ. އޭނާ ހައްޔަރުކުޔރީ ހުޅުމާލެ ފޭސް 2ހިޔާ ފުލެޓުންނެވެ.
ފުލުހުން ބުނީ ޝާހާ ހައްޔަރުކުރީ އިއްޔެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނަކުން ކަމަށެވެ.
އެ އޮޕަރޭޝަންގައި ޝާހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 216.12ގުރާމް ހުރި ކަަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ފަހަކަށް އައިސް މަސްތުވާތަކެތި ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައިި ހައްޔަރުކުރާ ދިވެހި އަންހެނުންގެ އަދަދު ދަނީ އިތުރުވަމުންނެވެެ.
އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މިދިޔަ އާދިއްތަ ދުވަހު ނައިފަރުން ވެސް ވަނީ އަންހެނަކު ހައްޔަރުކޮށްފައެވެ.