17 އަހަރުގެ އެޑުއާޑޯ ކަމަވިންގާގެ އޯވާހެޑް ގޯލަކާއެކު ފްރާންސްއިން ޔޫކްރެއިން ހަމަބިމަށް ތިރިކޮށްފި!
އެކުވެރިކަމުގެ މެޗެއްގައި މިރޭ ޔޫކްރެއިން އާއި ފްރާންސް ބައްދަލު ކުރި މެޗުގައި ޔޫކްރެއިންގެ މައްޗަށް 7-1ގެ ބޮޑު ތަފާތަކުން ފްރާންސްއިން ކުރި ހޯދައިިފިއެވެ.
މި މެޗުގަައި ފެނިގެންދިޔަ ފުރަތަމަ ގޯލަކީ ތަފާތު ގޯލެކެވެ. މި ގޯލަކީ އުމުުރުން އެންމެ 17 އަހަރުގެ ފްރާންސް ގެ ފޯވާޑް އެޑުއާޑޯ ކަމަވިންގާ ފްރާންސްގެ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. މި ގޯލް ފުރިހަމަ ވެގެން ދިޔައީ އޭނާ މި ގޯލް ޖެހީ ރީތި "އޯވާހެޑް ކިކް" އަކުން ކަމަށް ވާތީއެެވެ. ކަމަވިންގާ މި ގޯލް ޖަހާފައިވަނީ ތަޖުރިބާކާރު ފޯވާޑް އޮލީވިއާ ޖިރޫޑްގެ އެހީތެރިކަމާއެކުގައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކަމަވިންގާ އަކީ މިހާރު ފްރާންސްގެ ގައުމީ ޓީމަށް އެންމެ ހަގު އުމުރެއްގައި ގޯލެއް ޖެހި ދެވަނަ ކުޅުންތެރިޔާއެވެ. ފްރާންސްގެ ގައުމީ ޓީމަށް އެންމެ ހަގު އުމުރެއްގައި ގޯލެއް ޖަހާފައިވާ ކުޅުންތެރިއަކީ މޯރިސް ގެސްޓައިގާ އެވެ.އޭނާ ގައުމީ ޓީމަށް ގޯލެއް ކާމިޔާބު ކުރި އިރު އުމުރަކީ 17 އަހަރާއި 5 މަހެވެ. އެއީ 1914 ވަނަ އަހަރު ސްވިޒަލޭންޑާއި ދެކޮޅަށް އޭނާ ކާމިޔާބު ކުރި ގޯލެކެވެ. ކަމަވިންގާ މިރޭ އޭނާގެ ފުރަތަމަ ގޯލް ފްރާންސްގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދީފައިވާއިރު އޭނާގެ އުމުރަކީ 17 އަހަރާއި 11 މަހެވެ.
މި މެޗުގައި ފްރާންސްގެ 2 ވަނަ ގޯލް އަދި 3 ވަނަ ގޯލް ވެސް ކާމިޔާބު ކޮށްދިނީ ޗެލްސީގެ ފޯވާޑް އޮލީވިއާ ޖިރޫޑް އެވެ. އޭނާ މިމެޗުގައި ޖެހި ފުރަތަމަ ގޯލަކީ ވަރަށް ހިތްގައިމު ގޯލެކެވެ. ފްރާންސްއިން ލީޑު ފުޅާކޮށް 4 ވަނަ ގޯލެއް ކާމިޔާބު ކުރީ މެޗުގެ 39 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ޔުކްރެއިންގެ މައިކްރެންކޯގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި އެމްބާޕޭ އާއި ގްރީޒްމަން ވެސް މެޗުން ފެނިގެން ދިޔައެވެ. މެޗުގެ 65 މިނެޓުގައި ފްރާންސްގެ 5 ވަނަ ގޯލް ކާމިޔާބު ކޮށްދިނީ ޓޮލީސޯއެވެ. އަދި 6 ވަނަ ގޯލް ގްރީޒްމަންގެ އެހީތެރިކަމާއެކު ކާމިޔާބު ކުރީ އެމްބާޕޭ އެވެ.
މެޗުގައި ފްރާންސްއިން ޖެހި 7 ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 89 ވަނަ މިނެޓުގައި ގްރީޒްމަންއެވެ. އެ ގޯލަކީ އޭނާ އޭރިއާގެ ބޭރުން ކުރިއަށް ފޮނުވާލި ބޯޅައެކެވެ.ޔޫކްރެއިންގެ ހަމައެކަނި ގޯލް އެ ޓީމަށް މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސައިގަންކޮވްއެވެ.