ލައިފްސްޓައިލް

މިއަދަކީ ދުނިޔޭގެ ބިހުގެ ދުވަސް: ބިހުން ލިބޭ ފައިދާތައް އެނގޭތަ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ ދުނިޔޭގެ ބިހުގެ ދުވަހެވެ.

Ads by Hajj Corporation

ބިހުގެ ދުވަހުގެ ގޮތުގައި ބައިނަލްއަގްވާމީ ދުވަހެއް ފާހަގަ ކުރުމަކީ ކޮބައި ބާވައޭ ވަރަށް ގިނަ މީހުން ހިތަށް އަރާފާނެއެވެ. މި ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ބިހުން ލިބޭ ފައިދާތަކަށް މީހުން އަހުލުވެރި ކުރުވުމެވެ. މި ދުވަސް ފާހަގަ ކުރަނީ ކޮންމެ އޮކްޓޯބަރު މަހެއްގެ ވެސް ދެވަނަ ހުކުރު ދުވަހުއެވެ.

މި ދުވަސް ފާހަގަ ކުރާކަން ނޭނގޭ އެތައް ބަޔަކު އުޅެދާނެއެވެ. ނަމަވެސް މި ދުވަހަކީ 1996 ވަނަ އަހަރު ވިއެނާގައި ބޭއްވި ކޮންފަރެންސް އެއްގައި ފާހަގަ ކުރަން ކަނޑައެޅި ދުވަހެކެވެ. މި ދުވަސް މިގޮތަށް ފާހަގަ ކުރަން ކަނޑައެޅީ "އިންޓަރނޭޝަނަލް އެގް ކޮމިޝަނު" ންނެވެ.

އެންމެ ކުރީ ޒަމާނުންސުރެ ވެސް ބިހަކީ އިންސާނުންގެ ދިރިހުރުމުގައި ވަަރަށް ބޮޑު ރޯލެއް އަދާކުރާ އެއްޗެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ވަގުތެއްގައި ބިސް ކައިއުޅޭ ބައެކެވެ. އެހެންކަމުން ބިހުން ލިބޭ ފައިދާތައް އެނގުމަކީ ކޮންމެހެންވެސް ވަރަށް މުހިއްމު ކަމެކެވެ.

ހިތުގެ ބަލިތަކުން ރައްކާތެރި ކޮށްދޭ

ދުވާލަކު އެންމެ ބިހެއް ކެއުމަކީ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުން އިންސާނާ ރައްކާތެރި ކޮށްދޭ ކަމެކެވެ. ސަބަބަކީ ބިހުގެ ސަބަބުން ލޯ ޑެންސިޓީ ލިޕޯ ޕްރޮޓީން ކްލޮސްޓްރޯލް ރަނގަޅު މިންވަރެއްގައި ހިފަހައްޓައިދެއެވެ. އަދި އޭގެ ސަބަބުން، ހިތުގެ ބަލިތަކުން އިންސާނާ ރައްކާތެރި ކޮށްދެއެވެ.

ލޮލުގެ ފެނުމަށް ފަރުވާއެއް

ބިހުގައި ހިމެނޭ ދެ މާއްދާއެއް ކަމަށްވާ އެންޓިއޮކްސްޑިއެންޓްސް ލުޓީން އާއި ޒީޒަންތިންގެ ސަބަބުން ލޮލުގެ ފެނުން ސާފުކޮށްދެއެވެ. އަދިހަމަ އެހެންމެ ބިހުގެ ގޮބޮޅީގައި ޒީޒަންތިން އާއި ލުޓީން ގިނަ އަދަދަކަށް އެކުލެވޭ ކަމަށާއި އޭގެ ސަބަބުން ލޮލަށް ގިނަ ފައިދާތަކެއް ވާކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ބަރުދަން ރަނގަޅު މިންގަނޑެއްގައި ދަމަހައްޓައިދޭ

ބިހަކީ އިންސާނާގެ ބަރުދަން "މެނޭޖް" ކުރުމުގައިވެސް އެހީތެރިވެދޭ އެއްޗެކެވެ. ސަބަބަކީ ބިހުގައި ގިނަ އަދަދަކަށް ޕްރޮޓީންސް އެކުލެވިގެން ވާތީއެވެ.

ހަނދާން ގަދަ ކޮށްދޭ

ބިހުގައި ހިމެނޭ ނިއުޓްރިއަންޓެއް ކަމަށްވާ ކޮލީންގެ ސަބަބުން ބިސް ކެއުމުން، ހަނދާން ކުރުމުގެ ބާރު ގަދަވެގެން ދާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެހެން ކަމުން ބިހަކީ ކިޔަވާ ކުދިންވެސް ކާން ވަރަށް ރަނގަޅު އެއްޗެއްކަން ގައިމެވެ.

ކްލޮސްޓްރޯލް ރަނގަޅު މިންގަނޑެއްގައި ބަހައްޓައިދޭ

ކްލޮސްޓްރޯލަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ އަދުއްވެއްކަން ގައިމެވެ. ކްލޮސްޓްރޯލް މަތިވާތީ އެތައް އެއްޗެއް ކެއުމުން ދުރުހެލިވެފައިވާ މީހުން އެބައުޅެއެވެ. އެހެން ނަމަވެސް ކްލޮސްޓްރޯލް މަތިވެދާނެތީ ބިސް ނުކައި ހުންނާކަށް ނުޖެހޭނެއެވެ. ސަަބަބަކީ ދުވާލަކު އެއްް ބިސް ކައިގެން ކްލޮސްޓްރޯލް ލެވެލް ރަނގަޅު މިންވަރެއްގައި ހިފަހައްޓާލެވިދާނެއެވެ.

ބިހަކީ ވަރަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ އެެއްޗެކެވެ. ނަމަވެސް ބިސް ކެއުމުގައި ވެސް ވަކި މިންގަނޑެއް އޮންނަން ވާނެއެވެ. ނޫންނަމަ ބިހުގެ ސަަބަބުންވެސް ތިބާގެ ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރަން ފަށާފާނެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި ސިއްހަތު ސަލާމަތުން ހުރުމަށް ޓަކައި ދުވާލެއްގެ މައްޗަށް ގިނަވެގެން ކާން ވާނީ 3 ބިހެވެ.

ބިހުގެ ސަބަބުން ލިބޭ ފައިދާތައް ކުރު ގޮތަކަށް ބުނެދެވިއްޖެ ކަމަށް ހީކުރަމެވެ. ދުނިޔޭގެ ބިހުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސް ކުރަމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!