އައްޑޫ ޑްރަގް އޮޕަރޭޝަނުގައި ހައްޔަރުކުރި 8 މީހަކު ދޫކޮށްލައިފި

އައްޑޫ ސިޓީގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންގެ ތެރެއިން 8 މީހަކު ދޫކޮށްލައިފިއެވެ.
މި މީހުން ދޫކޮށްލާފައި ވަނީ ތަހުގީގަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ ކަމުގައި ފުލުހުން ވަނީ ހާމަކޮށްފައެވެ.
އައްޑޫގައި ފުލުހުން މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ވަނީ ޖުމްލަ 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.
އެ އޮޕަރޭޝަނުގައި ޖުމުލަ 14 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އުމުރުން 23 އަހަރާއި 40 އަހަރާއި ދެމެދުގެ ފިރިހެނުންނެވެ. އޭގެ ތެރެއިން ދެމީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ހުކުމް ކުރިއިރު ދެން ތިބި މީހުންގެ ބަންދަށް ޖަހާފައިވަނީ 5 ދުވަސް ދުވަހެވެ.
މި އޮޕަރޭޝަނަކީ ބޭރުގެ އެއްވެސް އޭޖެންސީއަކުން މައުލޫމާތު ދީގެން ހިންގާފައިވާ އޮޕަރޭޝަނެއް ނޫންކަމަށާއި، މިއީ ދިވެހި ފުލުހުންގެ އިންޓެލިޖެންސްއިން ހޯދާފައިވާ މައުލޫމާތުގެ އަލީގައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިންގަމުން އަންނަ އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.