ޚަބަރު

އަށް އަހަރުގައި ގެއްލުނު ކުއްޖެއް ފެނުނީ ފަސް އަހަރު ފަހުން ، އެހީވީ މޫނު ދެނެގަންނަ ސޮފްޓްވެއާއެއް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އުމުރުން އެންމެ އަށް އަހަރުގައި އިންޑިއާގެ އުއްތަރަ ޕްރަދޭޝްއިން ގެއްލުނު ކުއްޖެއް، ފަސް އަހަރު ފަހުން މައިންބަފައިންނަށް ފެނިއްޖެއެވެ.

Ads by Hajj Corporation

އިންޑިއާގެ މީޑިއާތައް ރިޕޯޓް ކުރާ ގޮތުގައި އުއްތަރަ ޕްރަދޭޝްއިން 2015 ވަނަ އަހަރު ގެއްލުނު ކުއްޖަކީ އޮޓިސްޓިކް ކުއްޖެކެވެ. އެ ކުއްޖާ ގެއްލިފައިވަނީ 2015 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހު ކަމަށާއި އޭގެ ހަފްތާއެއް ފަހުން އައްސާމްގެ ގޯލްޕަރާ ފުލުހުންނަށް އެކުއްޖާ ފެނިގެން ޗައިލްޑް ވެލްފެއާ ސެންޓަރަކަށް ފުލުހުން ވަނީ އެކުއްޖާ ހަވާލުކޮށްފައެވެ. އޭގެ ފަހުން މިދިޔަ ފަސް އަހަރު ދުވަހު އެކުއްޖާ އުޅުނީ އެ ސެންޓަރުގައެވެ.

އެ ކުއްޖާއަކީ ކޮންކުއްޖެއްކަން ދެނެގަތީ ހައިދަރު އާބާދުގެ ތެލެގާނާ ފުލުހުންނެވެ. ތެލެގާނާ ފުލުހުން އުފެއްދި މޫނު ދެނެގަންނަ ސޮފްޓްވެއާއެއް ކަމަށްވާ "ދަރުޕަން"ގެ އެހީގައި ކުއްޖާ ދެނެގަނެވި މިހާރު އެކުއްޖާ ވަނީ މައިންބަފައިންނާ ހަވާލުކޮށްފައެވެ. ދަރުޕަންއަކީ ގެއްލޭ މީހުންގެ ފޮޓޯއާއި ފެންނަ މީހުންގެ ފޮޓޯ ދިމާވޭތޯ ބަލާ ސޮފްޓްވެއާއެކެވެ.

ފަސްއަހަރުފަހުން މި ކުއްޖާ މައިންބަފައިންނާ ބައްދަލުވާ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ވަނީ އާންމު ވެފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި ފަސް އަހަރު ފަހުން ނަމަވެސް އެ ކުއްޖާއަށް މަންމަ ފެނުމުން ، މަންމާއޭ ކިޔާ ގޮވާލައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!