ދުނިޔެ

ކައިވެނީގެ ތަފާތު ހަފްލާއެއް، ހަފްލާގެ ބައިވެރީންނަށްވީ ޖަނަވާރުން!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ކައިވެންޏަކީ އުފާވެރި ހަފްލާއެކެވެ. ހަޔާތުގައި ފާހަގަކޮށްލެވޭ އުފާވެރި އައު ފެށުމެކެވެ. މި ފެށުން ކުލަގަދަކޮށް ފާހަގަ ކުރުމަކީ ގިނަބައެއްގެ ހުވަފެނެކެވެ.

Ads by Sosun Fihaara

ނަމަވެސް އިންޑިއާގެ އޮޑިއްސާގެ މި ދެމަފިރިން ބޭނުންވީ ތަފާތުގޮތަކަށް ކައިވެނީގެ އުފާ ފާހަގަކުރާށެވެ. އެގޮތުން މިދިޔަމަހު 25 ގައި ކައިވެނިކުރި މި ދެމަފިރިންގެ ކައިވެނީގެ އުފާ ފާހަގަކުރުމުގެ ހަފްލާގެ ބައިވެރީންނަށް ވީ 500 ޖަނަވާރުންނެވެ.

ޕައިލެޓަކަށް އުޅުމަށްފަހު ފިލްމު އުފެއްދުމުގެ ދާއިރާގައި މަސައްކަތް ކުރާ ޔޫރެކާ އަޕްޓާ އާއި އޭނާގެ އަނބިމީހާ ، ދަތުގެ ޑޮކްޓަރެއްް ކަމަށްވާ ޖޯނާއާ ހަވާލާދީ އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި މީގެ ތިން އަހަރު ކުރީންސުރެ ކައިވެންޏަށް އުއްމީދު ކުރަމުން ދިޔަ މި ދެމީހުންގެ ވިސްނުމަކީ ތަފާތު ގޮތަކަށް ކައިވެނީގެ ހަފްލާއެއް ބޭއްވުމެވެ. އެގޮތުން ކައިވެނި ފާހަގަ ކުރުމަށް ނިކަމެތިންނަށް އެހީ ވުމަށް އެމީހުން ގެންދިޔައީ ފައިސާ ރައްކާ ކުރަމުންނެވެ. ނަމަވެސް އެމީހުންގެ ވިސްނުން ބަދަލުވީ ނުކުޅެދޭ އަދި ދޫކޮށްލެވިފައިވާ ޖަނަވާރު ގެންގުޅޭ މަރުކަޒެއް ކަމަށްވާ އެނިމަލް ވެލްފެއާ ޓްރަސްޓް އެކަމްރާ (އޭޑަބްލިޔުޓީއޭ)އަށް އެމީހުން ކުރި ޒިޔާރަތުންނެވެ. މަގުމަތީ އެކްސިޑެންޓެއްގައި އަނިޔާ ލިބިފައިވާ ކުއްތާއެއް ސަލާމަތްކޮށް އެ ސެންޓަރާ ހަވާލު ކުރުމަށް ކުރި ޒިޔާރަތުގައި އެފަދަ ޖަނަވާރުންނަށް އެހީވުމަކީ ވެސް މުހިންމު ކަމެއްކަން ވިސްނި ، ޖަނަވާރުންނަށް އެހީވުމަށް އެމީހުން ނިންމިއެވެ.

މި ދެމީހުންގެ ކައިވެނީގެ އުސްއަލިތައް އަދި މިހިސާބުން ނުނިމެއެވެ. ކައިވެނީގެ ހަފްލާ ވީހާވެސް ކުޑަ ޚަރަދަކުން ނިންމުމަށް ވިސްނާ ހުރިހާ ކަމެއް ވެސް ގެންދިޔައީ އާދައިގެ ގޮތެއްގައެވެ. ކައިވެނީގެ ހަފްލާގައި ޖޯނާ ބޭނުން ކުރީ ކެންސަރު ޖެހިގެން ދުނިޔެ ދޫކޮށްފައިވާ އޭނާގެ މަންމަގެ ކައިވެނީގެ ހެދުމެވެ.

މި ދެމަފިރިންގެ ކައިވެނީ އޮތީ ކުޑަކުޑަ ވިލެޖެއް ކަމަށްވާ ނުއަގޯންގައެވެ. ކައިވެނި ކުރިއަށް ދިޔައިރު އޭޑަބްލިޔުޓީއޭގެ ވޮލަންޓިއަރުން ގެންދިޔައީ ބަތާއި ޕްރޮޓިންގެ ކާނާ ޖަނަވާރުންނަށް ދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!